އަތުލައިގަތް ލަންކާގެ 3 ބޯޓުން ގިނަ އަދަދެއްގެ މިޔަރު ބާނާފައިވޭ: އެމްއެންޑީއެފް

ޤާނޫނާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެނައި ސްރީލަންކާގެ ތިން މަސް ބޯޓުން ގިނަ އަދަދެއްގެ މިޔަރު ބާނާފައި ހުރި ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައި ހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސްވެސް ހުއްޓެވެ.
އެމްއެންޑީއެފުން ބުނީ، މި ބޯޓްތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިން ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައިވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޯސްޓްގާޑުގެ ދަށަށް ގެނެވުނު ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ.
ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ އެ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފުން ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް ގެނެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ