ރައީސް ނަޝީދު މެމްބަރުކަމުން ވަކިކުރަން އުޅެނީ ސަރުކާރު އަޑީގައި އޮވެގެން: ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ އަތެއް ވާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ތުހުމަތު ކުރައްވައިފިއެވެ. މަޖިލީހުގެ މެމްބަރުކަމުން ރައީސް ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައާ ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު ވަކިކުރަން މަޖިލީހުގެ ތެރެއިން އަދަދު ހަމަނުވުމުން ކޯޓު މެދުވެރިކޮށް އެމަނިކުފާނު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާގޮތުގައި ގާނޫނީ އަސާސެއް ނެތަސްވެސް މިކަމުގެ އަޑީގައި އޮތީ ސަރުކާރު،" ހަސަން ލަތީފް ވިދާޅުވިއެވެ. ރައީސް ނަޝީދު މަޖިލީހުގެ މެންބަރު ކަމުން ވަކި ކޮށްދިނުމަށް އެދި ގާނޫނީ ވަކީލް އަހްމަދު ތާލިބް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ, ދިވެހި ދައުލަތުގެ މަސްލަހަތަށް ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ. ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މެންބަރު ކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ. މި މައްސަލައިގައި މެމްބަރު ހަސަން ލަތީފުގެ ނުރުހުން ސަރުކާރަށް އަމާޒުކޮށް ޓްވީޓުކޮށްފައިވާއިރު، މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ނަޝީދު ވަޑައިގަތުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ