ރައީސް ނަޝީދު މަޖިލީހުން ބޭރުކުރަން ސަރުކާރުން މަސައްކަތްކުރާކަމުގެ ތުހުމަތު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކޮށް މަޖިލީހުން ބޭރުކުރަން ސަރުކާރު އަޑީގައި އޮވެ މަސައްކަތްކުރާ ކަމުގެ ތުހުމަތު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކުރައްވައިފިއެވެ.
މެމްބަރު ހަސަން ލަތީފް ސަރުކާރަށް މިފަދަ ތުހުމަތެއް ކުރެއްވީ، ނަޝީދު، މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއި ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. އެއީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ސްރީލަންކާ ތަމްސީލްކުރާ ވަފުދުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާއަކީ، ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމުގައެވެ. އެގޮތުން, އެއީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.
މިކަމާއި ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުން ވަކިކުރުމަށް ބަޔަކު ފުރަތަމަ މަސައްކަތް ކުރީ ސީދާ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެކަމަކު، އެކަން ކާމިޔާބު ނުވީމާ މިހާރު މަސައްކަތް ފަށާފައި އެވަނީ ކޯޓުގެ ތެރެއިން އެކަން ކުރުމަށް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ، އެކަމުގައި ޤާނޫނީ އަސާސެއް ނެތް ނަމަވެސް އަޑީގައި ވަނީ ސަރުކާރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ