ޔާމީން އައްޑޫގެ ތަފާތު ފިކުރުގެ މީހުންނާ ބައްދަލު ކުރާނެ

ކުރީގެ ރައީސް ޔާމީން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި، ތަފާތު ފިކުރުތަކުގެ މީހުންނާ ބައްދަލު ކުރައްވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ރައީސް ޔާމީން މާދަމާ އައްޑު އަށް ކުރައްވާ ޒިޔާރަތުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އައްޑޫގެ އަވަށްތަކުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވުމާއި އެހެނިހެން ހަރަކާތްތައް އިންތިޒާމު ކުރުމުގައި ޕީޕީއެމްގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޕާޓީން ބުނީ ޔާމީންގެ އައްޑޫ ދަތުރުގައި ވަރަށް ބޮޑަށް ތަފާތު އެކި ފިކުރުތަކުގެ މީހުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ރައީސް ޔާމީން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދާމާ މެނދުރުގެ ވަގުތެއްގަ އެވެ. އެގޮތުން މެނދުރު 12:45 އަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ޕީޕީއެމްއިން ދަނީ ތައްޔާރީތައް ވަމުންނެވެ. އައްޑު އަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6-9 އަކަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މީގެ އިތުރުން ޕީޕީއެމުން އަންނަނީ ހިތަދޫ އަދި ހުޅުމީދޫގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. އައްޑޫގެ އަވަށްތަކުގައި ހަރަކާތްތައް ބޭއްވުމަށް ވާމް އަޕް ހަރަކާތްތައް މިހާރުވެސް ޕީޕީއެމްއިން ވަނީ ފަށާފައެވެ. އެގޮތުން ހިތަދޫގެ ހަރަކާތްތަކުގައި އިސްކޮށް ތިއްބަވަނީ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫނެވެ.
ފޭދޫގައި އިސްކޮށް ހަރަކާތްތެރި ވަނީ މެމްބަރު ހުސެއިން މުހައްމަދު ލަޠީފެވެ. މަރަދޫ ފޭދޫގައި ޝެރީނާ އަބްދުއް ސަމަދު އަދި ހުޅުމީދޫ ގައި އިސްކޮށް ހަރަކާތްތެރި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
އައްޑު އެންމެ ފަހުން ޔާމީން ވަޑައިގެންފައި ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގަ އެވެ. ޔާމީންގެ މި ދަތުރަކީ އެ މަނިކުފާނު ތަންފީޒުކުރައްވަމުން ގެންދެވި ޖަލުން ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިޔާ ޕީއެންސީގެ ރިޔާސީ ޓިކެޓް ވެސް ރަސްމީކޮށް ހަވާލުކޮށްފައިވާ އިރު، ޔާމީން ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ