ލަންދޫގައި ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ނ. ލަންދޫގައި އެތައް އަހަރެއް ވަންދެން ކުޑަ ދެ އަހެން ކުދިންނާ ބަދުއަހުގީ އަމަލު ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި އެކުދިންގެ ބައްޕަ ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ލަންދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އޭގެ ތެރެއިން ދޮށީ ކުއްޖާއަށް ވާނީ 13 އަހަރު ކަމަށާއި އަދި ހަގު ކުއްޖާއަށް ވާނީ ހަތަރު އަހަރު ކަމަށް ބެލެވޭ ކަމަށެވެ. އަދި ދޮށީ ދަރިފުޅަށް އޭނާގެ ބައްޕަ ޖިންސީ ހާނީއްކަ ކުރާތާ ގާތްގަނޑަކަށް ހަ އަހަރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ލަންދޫގައި މީހަކު ކުޑަ ދެ ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލަ އެއް ޖެންޑާ ޑިޕާޓްމަންޓުން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ތަހުގީގު ކުރިއަށްދާތީ އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމުގައި ޝިޔާމް ވިދާޅުވި އެވެ.
އަދި ހައްޔަރުކުރީ އެކުދިންގެ ބައްްޕަ ކަމެއް ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.
ސަން އަށް މައުލޫމާތު ދިން ލަންދޫ މީހާ ބުނީ، އެ ދެކުދިންގެ ބައްޕަ ފުލުހުން ހައްޔަރު ކުރީ އެއަތޮޅު މަނަދޫ އަށް މިއަދު މެންދުރު ދިޔަ ވަގުތު އެރަށުން ކަމަށެވެ.
އަށް ކުދިންގެ ތެރެއިން ހަމައެކަނި ތިބި ދެ އަންހެން ދަރިންނާ އެކުދިންގެ ބައްޕަ ބަދުއަހުލާގީ އަމަލު ހިންގަމުންދިޔަކަން އެކުދިންގެ މަންމަ އަށް އެނގޭ ކަމުގެ އަޑުތައް ރަށުތެރެއަށް ފެތުރިފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ. އަދި އެކުދިން ބަލައި ފުލުހުން އެގެއަށް ދިޔަ ވަގުތު އެކުދިންގެ މަންމަ ނުކުމެ ފުލުހުންނަށް ހުރަސް އެޅި ކަމަށް ވެސް އޭނާ ބުންޏެވެ.
އެކުދިން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ.
ލަންދޫން ވާހަކަ ދެއްކި މީހާ ބުނީ، އެކުދިންނަށް ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާ ތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޖިންސީ ހާނީއްކަ ކުރަމުންދިޔަ ވާހަކަ މީހެއް ކައިރި ބުނެފި ނަމަ، މަރާލާނެ ކަމުގެ އިންޒާރު ފިރިހެންމީހާ ވަނީ އޭނާގެ ދަރިންނަށް ދީފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ