ޔާމީން ހައްދަވާފައިވަނީ ބޭސިކް ޑިގްރީއެއްގެ ގޮތުގައި ރައީސް ސިފަކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ބޭސިކް ޑިގްރީއެއް ހައްދަވާފައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ސިފަ ކުރައްވައިފި އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ އިގްތިސާދީ ސިޔާސަތު ހާމަކުރުމަށް މިރޭ ނަސަންދުރާގައި ބޭއްވި ޖަލްސާގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވަހީދު ވިދާޅުވީ "ދެން އަޅުގަނޑަށް ހީވަނީ އެނގޭތޯ ދެން ވިޔަފާރީގެ ރޮނގުން ބޭސިކް ޑިގްރީއެއް މީހަކު ނެގިޔަކަސް އަދި ނުވާނެ އިނގޭތޯ އިގްތިސާދީ މީހަކަށް." ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ބަލާއިރު ވެރިންނަށް ތިއްބެވި ހުރިހާ ބޭފުޅުންނަކީ އިގްތިސާދީ މާހިރުން ނޫން ކަމަށާއި ވެރިކަމަށް ގެންނަން ޖެހޭނީ އިގްތިސާދީ މާހިރެއް ކަމަށް ޕީޕީއެމްއިން ބުންޏަސް މިހާރު އެވާހަކަތައް ގަބޫލުކޮށްފާނެހެން ހީފުޅުނުވާ ކަމަށެވެ.
އަދި ގައުމަށް ބޭނުންވަނީ އެންމެން ގޮވައިގެން އުޅެވޭނެ މީހެއް ކަމަށާއި އަދި ޓެކްނިކަލް މީހުން ގެނެސްގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ މީހެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"މިއަދު މި ރާއްޖޭގައި އިގްތިސާދީ މާހިރުން މަދެއް ނޫން، ވަރަށް މޮޅަށް ކިޔަވައިގެން ޕީއެޗްޑީ ނަގައިގެން ތިބި ކުދިން ވެސް އެބަތިބި އެކޮނަމިސްޓުން ހަމަ، އެހެންވީމަ އެކުދިން ގެނެސްގެން އެބޭފުޅުންނާއި އެކީގައި މަސައްކަތްކުރެވެންޏާ އަޅުގަނޑުމެންނަށް ރަނގަޅު އިގްތިސާދީ ސިޔާސަތެއް ވެސް، އިގްތިސާދު ބައްޓަން ކުރަން ވެސް އުނދަގޫ ކަމަކަށް ނުވާނެ." ރައީސް ވަހީދު ވިދާޅުވި އެވެ.
މީހުން މަދުވުމުގެ ސަބަބުން މިރޭ 9:45 ގައި ފަށަން އޮތް ޖަލްސާ ފަށާފައިވަނީ 10:52 ހާއިރު އެވެ. އަދި ގޮނޑިތައް ނުފުރުމުން ޖަލްސާގައި ޖަހާފައި ހުރި ގޮނޑިތަކުން ގިނަ އަދަދެއްގެ ގޮނޑިތައް ރައީސް ވަހީދު ވަޑައިގެންނެވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނަންގަވާފައި ނުފެންނަ ތަނަކަށް ވެއްދި މަންޒަރު ނޫސްވެރިންނަށް ފެނިފައިވެ އެވެ.
މި ޖަލްސާގައި ބައިވެރިވެފައިވަނީ 70 އެއްހާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ