ގެއްލުމުގެ ބަދަލަށް ޔާމީން ފުލުހުން އަތުން ބޭނުން ވަނީ 6.4 މިލިއަން ރުފިޔާ: ވަކީލު

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލެއްގެ ގޮތުން 6.4 މިލިއަން ރުފިޔާ ފުލުހުންގެ ފަރާތުން ނަގައިދިނުމަށް ޔާމީން ކޯޓުގައި މިއަދު އެދެފި އެވެ.
ޔާމީންގެ ވަކީލު އަރީފް އަހުމަދު ނަސީރު ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނާއި ހިލާފަށް ހައްޔަރު ކުރި މީހަކަށް ރާއްޖެގެ ކޯޓަކުން ބަދަލެއް ދީފައިވާކަން މިހާތަނަށް އެނގިފައިނުވާ ކަމަށާއި އެކަމާ ގުޅޭ ގާނޫނެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ގާނޫނެއް ހެދިފައި ނުވުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފާނެ ކަމެއް ހުއްދަ ވާނޭ ކަމެއް ނޫން ކަމަށް ގާނޫނު އަސާސީގެ 299 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ޔާމީންގެ ފަރާތުން ވިދާޅުވީ މިފަދަ ބަދަލުތައް ދިނުމުގައި އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލު ކުރާ ގޮތަށް ބެލުމަށް ގާނޫނު އަސާސީން ފުރުސަތު ލިބޭ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާގައި މިފަދަ ބަދަލުތައް ނަގައިދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތައް ވަކީލު ޝަރީއަތަށް ހުށަހެޅުއްވި އެވެ.
ވަކީލު ވިދާޅުވީ މިބާވަތުގެ މައްސަލަތަކުގައި ކޮންޕެންސޭޓަރީ ޑެމޭޖާސް އާއި ޖެނެރަލް ޑެމޭޖާސް އާއި އެގްރެވޭޓެޑް ޑެމޭޖާސް ނަގައިދެވޭނެ ކަމަށެވެ. އަދި އެ ކަންކަމަށް ރިއާޔަތްކޮށް ޔާމީނަށް މުޅި ޖުމްލަ ބަދަލުގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ނަގައިދިނުމަށް ޝަރީއަތުގެ ފަރާތުން ވަކީލު އެދިވަޑައިގަތެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ޔުދްރާ އަބްދުއްލަތީފް ވިދާޅުވީ މި މައްސަލައިގައި މައިގަނޑު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމެއް ކަމަށެވެ. ނަމަވެސް ޔާމީން ބަންދު ކުރި ކަމަށް އޭނާގެ ފަރާތުން ބުނަނީ ޖޫން 29، 2010 ކަމަށްވާއިރު ސުޕްރީމް ކޯޓުގެ މައްސަލައިގައި އެ ތާރީހު ބަޔާންކޮށްފައިނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެ ޕޮއިންޓު ދައުލަތުން ޝަރީއަތުގައި ވަނީ މީގެ ކުރިން ވެސް ނަގައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގެ ރިޕޯޓް އިސްލާހު ކުރުމަށް ކަމަށް ބުނެ އެ ރިޕޯޓް ފޮނުވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ