ރައީީސް ޔާމީން އާއެކު މަސައްކަތް ކުރާކަށް ނެތިން: ރޮޒައިނާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއެކު މަސައްކަތްކުރެވެން ނެތްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް، ރައީސް ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެގޮތް އެނގި، އެކަމާ ދެކޮޅަށް މަސައްކަތްކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތްކުރަން ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަން ކުރީ ހީކުރި ވަރަށްވުރެވެސް އަނިޔާވެރިކޮށް، ނުބައިކޮށް ކަމަށާއި ރައީސް ޔާމީން އަކީ ވައްކަން ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވަނީ، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް ރައީސް ޔާމީންއާ ބައިވެރިވާންވީ ކީއްކުރަންތޯ އަދި ރައީސް ޔާމީނަށް، ކާކަށް އިންސާފު ހޯދާ ދެވިގެންތޯ ސުވާލު އުފައްދަވާފައެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ގޯސް ނޫން ކަމަށާއި އެމަނިކުފާނު އަނިޔާވެރި ނުވާ ކަމަށާ، ވައްކަން ވެސް ނުކުރައްވާ ކަމަށެވެ. އެގޮތުން ކޮވިޑް ހާލަތުގައި ވެސް ޕްރޮޖެކްޓުތައް ސަރުކާރުން ހިންގި ކަންވެސް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ސާލިހާއި، މިހާރު ފިކުރީގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސާލިހާއެކު އުޅުއްވާނެކަމަށެވެ. އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ