ނޯވަވެކްސްގެ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދައަށްއެދި ޑަބްލިޔޫއެޗްއޯއަށް ހުށަހަޅައިފި

ނޯވަވެކްސް އިންކޯޕަރޭޓެޑުން ތަރައްގީކުރި ކޮވިޑް ވެކްސިން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިމަޖެންސީ ވެކްސިން ލިސްޓުގައި ހިމަނަން ހުށަހަޅައިފިއެވެ.
ނޯވަވެކްސްއިން މި ވެކްސިން ތަރައްގީކޮށްފައިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާ ގުޅިގެންނެވެ. ނޯވަވެކްސްއަކީ އެމެރިކާގެ ކުންފުންޏެވެ.
ނޯވަވެކްސްއާއި ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ދެ ކުންފުންޏެވެ.
ޑަބްލިޔޫއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނުމަކީ، އެ ވެކްސިނެއްގެ ރައްކާތެރިކަމާއި އޭގެ އެފިކަސީއާމެދު ދުނިޔޭގެ ގައުމުތަކުގެ ރެގިއުލޭޓަރީ އިދާރާތަކަށް ޔަގީންކަން ލިބިގެންދާ ކަމެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް ވެކްސިންތައް ބޭނުން ކުރުމަށް ހުއްދަދޭއިރު، އެ ވެކްސިނަކީ ޑަބްލިޔޫއެޗްއޯއިން އިމަޖެންސީ ހުއްދަ ދީފައިވާ ވެކްސިނެއްތޯ ބަލައެވެ.
ނޯވަވެކްސްއިން ތަރައްގީކުރި ކޮވިޑް ވެކްސިން، އިމަޖެންސީ ވެކްސިން ލިސްޓުގައި ހިމަނަން ހުށަހެޅިއިރު، މި ވެކްސިނަކި ޑަބްލިޔޫއެޗްއޯގެ އިސްނެގުމަށް ހިންގާ ކޮވެކްސް ފެސިލިޓީގައިވެސް ހިމެނޭ ވެކްސިނެކެވެ.
މި ވެކްސިނަށް ޑަބްލިޔޫއެޗްއޯއިން ހުއްދަ ދިނުމުން ކޮވެކްސް ތެރެއިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރަންވެސް މަގުފަހި ވެގެންދާނެއެވެ.
ނޮވަވެކްސްއާއި، ސިރަމް އިންސްޓިޓިއުޓުން ވަނީ، އެދެ ކުންފުނި ގުޅިގެން ކޮވެކްސް ފެސިލިޓީއަށް 1.1 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން އެއްބަސްވެފައެވެ.
މިދެ ކުންފުނިން ތަރައްގީކުރި ކޮވިޑް ވެކްސިނަކީ ޕްރޮޓީން-ބޭސްޑް ވެކްސިނެކެވެ.
މިވެކްސިންގެ އަޖުމަބެލުމަށް އެމެރިކާ އަދި މެކްސިކޯގައި ކުރިއަށްގެންދިޔަ ކްލިނިކަލް ޓްރައިލްސްގެ އޯވަރޯލް ނަތީޖާއިން ދައްކާފައިވަނީ، ނޯވަވެކްސްއަކީ 90.4 އިންސައްތަ ބަލިން ރައްކާތެރިކޮށްދޭ ވެކްސިނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ