ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާތީ ބާރީ ފަނޑިޔާރުކަމުން ދުރުކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުވާ ފަނޑިޔާރުންގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ހިމެނޭތީ، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް އޭނާ ފަނޑިޔާރުކަމުން ވަގުތީގޮތުން ދުރުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ. ޖޭއެސްސީން ބުނީ ބާރީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށް އަންގައި ފުލުހުން ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ބާރީގެ ސުލޫކީ މައްސަލައެއް ބެލުމަށާއި ފަނޑިޔާރުކަމުގެ މަސައްކަތުން ބާރީ ވަގުތީ ގޮތުން ދުރުކުރުމަށް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީއިން ބުންޏެވެ. ގާޒީ ބާރީ އަކީ ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ގާޒީއެކެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވަނިކޮށް، ޖުލައި 2017 ވަނަ އަހަރު އެވެ. ޖޭއެސްސީން އޭރު ބުނެފައި ވަނީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިގެން ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި ކުރިއާ މިހާރު ތިއްބެވި ފަނޑިޔާރުން ހިމެނޭ ގޮތުން ޖުލްމަ ހަ ފަނޑިޔާރަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށެވެ. މީގެ އިތުރުން ކުރީގެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެމްއެމްޕީއާރުސީ ސްކީމުން ފައިސާ ދީފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ ވަނީ 200 އަށް ވުރެ ގިނަ ފަރާތްތަކަށް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ