ޓެރަރިޒަމާ ދެކޮޅަށް އެމެރިކާގެ އެހީ ހޯދަން މަޝްވަރާކޮށްފި

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، އިގްތިސޯދު ވަރުގަދަ ކުރުމާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޝާހިދު ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއި އެކްޓިން އެސިސްޓަންޓް ސެކްރެޓަރީ ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސްއާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހައިގެ މުހިއްމުކަމާއި، ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ.
އޭގެ އިތުރުން ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމާއި، އިގްތިސޯދީ ތަރައްގީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މި އަހަރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން މިޝާހިދު ވަނީ އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.
ފާއިތުވި ހަތް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ފޮރިން މިނިސްޓަރެއްގެ ދައުވަތަކަށް ދިވެހި ފޮރިން މިނިސްޓަރަކު ކުރެއްވި ދަތުރުގައި އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ފޮރިން މިނިސްޓަރު މައިކް ޕޮމްޕިއޯއާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރު ޝާހިދު ނިއުޔޯކަށް ވަޑައިގެންފައި މި ވަނީ އދ. ގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ