މައުމޫނަށް މާފުކުރަން ނިންމީ މަންމަ ބުނެގެން- ޖާބިރު

މަންމާފުޅުގެ އެދިވަޑައިގަތުމުގެ މަތިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފު ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.ޖާބިރު އަތުން މައުމޫން ނެންގެވި ކަމަށް ބުނާ 29 މިލިޔަން ރުފިޔާގެ މައްސަލައިގައި މައުމޫނަށް މާފުކުރަން ނިންމެވީ އޭނާގެ މަންމާފުޅުގެ އެދިލެއްވުމުގެ މަތިން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޗެނަލް13އާ ފޯނުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާގެ މަންމައާ މައުމޫން އާ ވަރަށް ގާތްކަމަށެވެ. "އަޅުގަނޑު މަންމަގެ އެދުމަކަށް މައުމޫނަށް މާފުކޮށް މައްސަލަ އަނބުރާ ނަގަން ނިންމައިފިން" ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ މަންމާފުޅު، މަރިޔަމް މަނިކެއަކީ ގއ. ކޮލަމާފުށީ މީހެކެވެ. ރައީސް މައުމޫނަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމުން ރައީސް މައުމޫން އާއި ޖާބިރުގެ މަންމާފުޅަކީ ތިމާގެ ބައެއް ކަމަށް ޖާބިރު މައުލޫމާތު ދެއްވިއެވެ. ޖާބިރު މީގެ ކުރިން ވިދާޅުވެފައިވަނީ އޭނާ އަތުން މައުމޫން 29 މިލިއަން ރުފިޔާ ނެންގެވީ ރިޔާސީ ކެމްޕެއިނަށް ހަރަދު ކުރުމަށް ކަމަށެވެ. އެ މައްސަލަ ޖާބިރު ފުލުހުންނަށް ހުށަހެޅީ މިދިޔަ އޯގަސްޓްމަހުގެ 22 ވަނަ ދުވަހުއެވެ. އެކަން ތަހުގީގުކުރުމަށް އެދި ފުލުހުންގެ އިދާރާއަށް ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން، ޖާބިރު އަތުން އެފައިސާ ނަންގަވާފައިވަނީ މަކަރާއި ހީލަތުން ކަމަށާއި އެފައިސާ ނަންގަވައިފައި ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވާ ކަމަށެވެ. ޖާބިރު މީގެ ކުރިން ވިދާޅުވެފައިވަނީ 29 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެކަމާ ބެހޭ ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ހުރި ''ޑަބަލްޓްރީ ހިލްޓަން'' ހޮޓަލުގައި ކަމަށެވެ. އަދި އެބައްދަލުވުން އިންތިޒާމު ކުރީ ރައީސް މައުމޫން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖާބިރުގެ އިތުރުން އަނބިކަނބަލުން ދިޔާނާ ސައީދާއި ރައީސް މައުމޫނާއި ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވިއެވެ. އެބައްދަލުވުމުގައި ފައިސާ ދިނުމަށް ދެފަރާތުން އެއްބަސްވެ، އޭގެ ފަހުން ރައީސް މައުމޫން ފޯނުކުރައްވައި ފާރިސްއާ ފައިސާ ހަވާލުކުރުމަށް އެދިވަޑައިގެންނެވުމުން، ފާރިސްއާ ފައިސާ ހަވާލުކުރި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ