މަދިރި މަދުކުރާ މެޝިންތަކެއް ސޮނެވާއިން މަޖިލީހަށް ހަދިޔާ ކޮށްފި

މަދިރި ކޮންޓްރޯލްކުރުމަށް ބޭނުން ކުރާ ޒަމާނީ މެޝިންތަކެއް ބ.ކުންފުނަދޫގައި ހިންގާ ސޮނެވާފުށި ރިސޯޓުން ރައްޔިތުންގެ މަޖިލީހަށް ހަދިޔާ ކޮށްފިއެވެ.
މިމެޝިނަށް ކިޔަނީ “ބީޖީ މޮސްކިޓެއާ ޓްރެޕް” އެވެ.
ސޮނެވާފުށިން މިއަދު މަޖިލީހަށް ހަދިޔާ ކުރި މެޝިންތަކަކީ މަދިރި އެއަށް ޝައުގުވެރި ކުރުވުމަށް ފަހު ދަމައިގަނެ ތާށިކޮށްލާ ގޮތަށް ފަރުމާކޮށްފައިވާ ތިމާވެއްޓާ ރައްޓެހި މެޝިންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަންް ޒިޔާއު ވިދާޅުވިއެވެ.
ސޮނެވާފުށީގައި އޭގެ 450 މެޝިން ބަހައްޓައިގެން ރަނގަޅު ތަޖުރިބާއެއް ކޮށްފައިވާ ކަމަށް އެތަކެތި ހަވާލުކުރަން ވަޑައިގެންނެވި ބޭފުޅުން މައުލޫމާތު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެބޭފުޅުން ވިދާޅުވި ގޮތުގައި، މަދިރި މަރަން ދުން ޖެހުމުން، މަދިރީގެ އިތުރުން ކޮކާލާ އެހެން ސޫފާސޫފި ވެސް މަރުވޭ. އެ މައްސަލަ އަށް ހައްލެއް ހޯދަން މި މެޝިންތައް ބަހައްޓައިގެން އެ ރިސޯޓުން ވަނީ ރަަނގަޅު ތަޖުރިބާއެއް ކޮށްފައި،” އޭނާ ވިދާޅުވި އެވެ.
ސޮނެވާފުށިން މަޖިލީހަށް ހަދިޔާކުރި މެޝިނަށް މަދިރި ޝައުގުވެރިކުރުވާ މާހައުލެއް މެޝިނުގެ ވަށައިގެން އުފެއްދުމަށް އެއަށް އަޅަނީ އެކަމަށް ހާއްސަ ޕައުޑަރެކެވެ.
މެޝިންތައް މަޖިލީހަށް ހަދިޔާ ކުރަން ސޮނެވާފުށިން މިއަދު އަައި ޓީމުން ވަނީ އެ ބޭނުންކުރާނެ ގޮތާއި އޭގެ ފައިދާއާ ބެހޭ ޕްރެެޒެންޓޭޝަނެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންނަށް ދައްކާލާފަ އެވެ.
ޒިޔާއު ވިދާޅުވީ މަދިރި މަދުކުރާ މެޝިންތަކެއް މަޖިލީހަށް ލިބިފައި މިވަނީ މަދިރީގެ އުނދަގޫ ވަރަށް ބޮޑުވެފައި ވަނިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ