ޔާމީން ދޫކޮށްލާތާ އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭ ޔާމީންގެ ހަށިކޮޅަށް ލިބޭ ގެއްލުމަށް ސިފައިން ޒިންމާވާންޖެހޭނެ: ޑީއާރުޕީ

14:30ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ސިފައިންގެ ބެލުމުގެ ދަށުން ދޫކޮށްލާތާ އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭ ޔާމީންގެ ހަށިކޮޅަށް ލިބޭ ގެއްލުމަށް ސިފައިން ޒިންމާވާންޖެހޭނެ ކަމަށް ޑީއާރުޕީއޭ ކޯލިޝަނުން ބުނެފި އެވެ.ޔާމީން ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމާ ގުޅިގެން ޑީއާރުޕީއޭ ކޯލިޝަނާއި އިދިކޮޅު އެހެން ޕާޓީތައް ގުޅިގެން އެކަމާ ދެކޮޅުހެދުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމެނަފުށީ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ހަ މަސް ދުވަހުން ނުވަތަ އެއް އަހަރު ދުވަހުން ކިޑްނީ ފެއިލްވާ ފަދަ ބޭސްތައް މިހާރު ދުނިޔޭގެ ގައުމުތަކުން އީޖާދުކޮށްފައިވާ ކަމަށެވެ. އަދި ޔާމީން ދޫކޮށްލާތާ އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭ ޔާމީންގެ ހަށިކޮޅަށް ލިބޭ ގެއްލުމަށް ސިފައިން ޒިންމާވާންޖެހޭނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.އިލާހާމް ވިދާޅުވީ އެފަދަ ކަމެއް ހިނގައިފިނަމަ ގާނޫނީ އިމުގެ ތެރެއިންނާއި ބޭރުން ވެސް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށެވެ.އިލްހާމް ވިދާޅުވީ ގާނޫނު އަސާސީ ބުނާގޮތުން ސިފައިން ޔާމީން ހައްޔަރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވީ ކޮރަޕްޝަން ނައްތާލުމުގެ ނަމުގައި ސަރުކާރުން މިހާރު ކުޅެމުންދާ ޑްރާމާއަކީ ޑިސެމްބަރު މަހު އިނގިރޭސިވިލާތުގެ ކޮރަޕްޝަން ނައްތާލުމާ ބެހޭ ގޮތުން ދޭ އެވޯޑަކަށް ތައްޔާރުކުރައްވާ ވީޑިއޯ ކްލިޕްތަކެއް ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ އެއްވާ އެއްވުންތަކަކީ އެ އެވޯޑް ހާސިލް ކުރެއްވުމަށް ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، ޝަރީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.ޝަރީފް އިތުރަށް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތުގައި ހިތްވަރެއް ހުރިނަމަ ކޮރަޕްޝަން ނައްތާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައި، ކޮމެޓީއެއް ނެންގެވުމަށްޓަކައި ހުށަހަޅުއްވައިފިނަމަ އެމްޑީޕީން އެކަމާ ލަދުގަންނަންޖެހޭ ވަރުގެ ވޯޓެއް ނުދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިނގާފައިވާކަން ހުދު ރައީސް ނަޝީދު އިއުތިރާފްވެ ވަޑައިގަންނަވާއިރު އެކަންތައް ތަކަށް އަވަސް ފިޔަވަޅެއް އަޅުއްވައިދިނުމަށް ވެސް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ