އދ. ގައި ފަލަސްތީނު ކާމިޔާބުވިޔަ ދީގެން ނުވާނެ: ނަތަންޔާހޫ

ވޮޝިންޓަން ( 26 ސެޕްޓެމްބަރު) - ފަލަސްތީނުން މަސައްކަތްކުރަމުން ދަނީ ސުލްހައިގެ މަސައްކަތް އެއް ފަރާތްކޮށްލުމަށް ފަހު މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ކަމަށާއި އެ ކަމުގައި ފަލަސްތީނަށް އދ. ގައި ކާމިޔާބުވިޔަ ދީގެން ނުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ. އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނުން މިނިވަން ދައުލަތަކަށް އެދި އދ. އަށް ހުށަހެޅުމަކީ ގޯހެއް ކަމަށާއި އެމީހުންގެ މަސައްކަތް ނާކާމިޔާބުކޮށްލަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފަލަސްތީނުން މަސައްކަތް ކުރަނީ ހަމައެކަނި ދައުލަތަކަށް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ދައުލަތެއްގެ ބަދަލުގައި ސުލްހަ އާއި ރައްކާތެރިކަމުގެ ގެރެންޓީ އިޒްރޭލަށް ދޭން ޖެހޭނެ ކަމަށާއި އެކަމަށް ފަލަސްތީނު ތައްޔާރުނުވާ ނަމަ އެމީހުންނަށް ކުރި ލިބިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުލްހަ ބޭނުން ނަމަ ފަލަސްތީނުން ހުށަހަޅާ ޝަރުތުތައް އެއް ފަރާތްކޮށްލަން ވެސް ޖެހޭ ކަމަށެވެ. "އަހަރެން ބުނިން އދ. ގައި ވެސް، އައްބާސް އަރިހުގައި ވެސް. ބަލާލަބަލާށޭ އަހަރެމެން މި އުޅެނީ އެއް ސިޓީއެއްގައޭ، އެއް އިމާރާތެއްގައޭ، އދ. ގަ އޭ. ހިނގާށޭ އިށީނދެލައިގެން ތިބެ ސުލްހަޔާ ބެހޭ ގޮތުން މަޝްވަރާކުރަން،" ސުލްހަޔަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވަމުން ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ މިހެން ވާހަކަ ދައްކަވަމުން ފަލަސްތީނު ކުށްވެރިކުރައްވާފައިވާއިރު ފަލަސްތީނުން ބުނެފައި ވަނީ ސުލްހަޔަށް ފުރަގަސް ދެމުން ދަނީ ނަތަންޔާހޫގެ ސަރުކާރުން ކަމަށާއި ޝަރުތުތައް ހުށަހަޅަނީ ވެސް އެމީހުން ކަމަށެވެ. ފަލަސްތީނުގެ ސުލްހައިގެ އިސް މަންދޫބެއް ކަމަށްވާ ހައްނާން އަޝްރާވީ ވިދާޅުވީ ގުދުސް ވަކިކުރަން ޝަރުތުކުރަނީ ވެސް އިޒްރޭލުން ކަމަށާއި ރެފިއުޖީންގެ މައްސަލަ ސުލްހައިގެ މަޝްވަރާތަކުން ބޭރުކުރަން ބާރު އަޅަނީ ވެސް އިޒްރޭލުން ކަމަށެވެ. ފަލަސްތީނުން ބުނަމުން ދަނީ ޔަހޫދީ އާބާދީތަކުގެ މަސައްކަތް އިޒްރޭލުން އެއްކޮށް ހުއްޓާނުލަނީސް ސުލްހައިގެ މޭޒު ދޮށަށް އެނބުރި ނުދާނެ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ