މާޒިޔާ ދަނޑަށް ހާޒިރު ނުވުމުން މާލެ ވެޓެރަންސް އަށް މެޗު ލިބިއްޖެ

މައިލޯ ވެޓެރަންސް ކަޕްގައި މިއަދު ކުޅެން ހަމަޖެހިފައި އޮތް މެޗަށް މާޒިޔާ ސްޕޯޓްސް ހާޒިރުނުވުމުން މާލެ ވެޓެރަންސް އަށް މެޗު ލިބި އެޓީމު މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ. މި މެޗަކީ މި މަހު 3 ވަނަ ދުވަހު ކުރިއަށްދަނިކޮށް ހަމަނުޖެހުން ހިނގުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލި މެޗެކެވެ. ކުރިން ކުޅުނު މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ނިންމީ މި މެޗު އަލުން ކުޅުމަށެވެ. ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބެލުމަށްފަހު މާޒިޔާ އާއި އެ ކްލަބްގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިނާން (ނާނީ) އާއި އިބްރާހިމް ޝާފިއުގެ އިތުރުން އެޓީމުގެ އޮފިޝަލް ހުސެއިން ޝާފިއު ޖޫރިމަނާކޮށް ސަސްޕެންޑް ކުރި ފަހުން އެޓީމު އެންމެ ފަހުން ކުޅެން ހަމަޖެހިފައި އޮތް ވެލެންސިއާ މެޗަށް ވެސް ހާޒިރުވެފައެއް ނުވެ އެވެ. މި މުބާރާތުގެ ސެމީ ފައިނަލު ދެ މެޗު ވެސް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. ފުރަތަމަ ސެމީ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅޭއިރު ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ވެލެންސިއާ އާއި ހަތަރު ވަނަ އަށް ދިޔަ މާލެ ވެޓެރަންސް އެވެ. ޓާފް ދެ ނަންބަރު ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ދެ ވަނަ ސޮކަ ވެޓެރަންސް އެސޯސިއޭޝަން އާއި ތިން ވަނަ ބީޖީ ސްޕޯޓްސް އެވެ. ދެ މެޗުގެ ކުޅުން ފަށާނީ ވެސް އަންގާރަ ދުވަހު ހަވީރު 16:30ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ