އިދިކޮޅު ލީޑަރުގެ އިންޒާރު: ސަރުކާރުގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ ޝަރީއަތް މެދުވެރިކޮށް ފިޔަވަޅު އެޅުމާ މެދު ވިސްނަން ޖެހިދާނެ

ސަރުކާރުގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ އެ ފަރާތްތަކާ މެދު ޝަރީއަތް މެދުވެރިކޮށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު ސީރިއަސްކޮށް ވިސްނަންޖެހިފައިވާ ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އިންޒާރު ކުރައްވައިފި އެވެ."ޑިމޮކްރަސީގެ ނަމުގައި ހުދުމުހުތާރު ވެރިކަމަކަށް" މި ނަމުގައި ތަސްމީނު އަލީ މިއަދު ނެރުއްވެވި ބަޔާނެއްގައި ބުނަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މަންދޫބުން ހާޒިރުވާން އުޒުރުވެރިވާ މައްސަލައަކީ ރާއްޖެ ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅައިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ."އެހެންކަމުން މިކަމަށް ޖާގަ ނުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތަކާ މެދު ޝަރުއީ ކޯޓުތައް މެދުވެރިކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމާ މެދު މިވަނީ ސީރިއަސްކޮށް ވިސްނަން ޖެހިފަ އެވެ،" ތަސްމީންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވެފައި ވަނީ ހަމައެކަނި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ޑިމޮކްރަސީއެއް އޮންނާނެ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވާ މައްސަލައަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު، ޑިމޮކްރަސީގައި ގަބޫލު ނުކުރެވޭނެ އަމަލެއް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރައީސް ކެބިނެޓަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން ދެންނެވުމުން ވެސް ހާޒިރުވެވަޑައި ނުގެންފައިވާ ކަމަށާއި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ މަންދޫބުން ވެސް ހާޒިރުވާން އިދިކޮޅު ހައްދަވަފައިވާ ކަމަށެވެ.ތަސްމީނު ވިދާޅުވީ ކަން އެހެން ހުރުމާ އެކު ގާނޫނު އަސާސީ އިން ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލިސް މިހާރު ނުކުޅެދިފައިވާ ކަމަށެވެ."... ސަރުކާރުގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވުމުގެ މައްސަލައަކީ ޑިމޮކްރަސީއެއްގައި ވަކީން ހާއްސަކޮށް ދިވެހިރާއްޖެ ކަހަލަ ޑިމޮކަރަސީގެ ޅަފަތުގައި އޮތް ގައުމަކަށް ވަރަށް ސީރިއަސް މައްސަލައެކެވެ. ސަރުކާރުން ރައްޔިތުން ނޭދޭ އެތައް ކަމެއް ކުރަމުން ގެންދާ އިރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މަސައްކަތްތައް ބެލޭނެ ގޮތް ނެތިގެން ދިއުމަކީ ރާއްޖޭގައި ޑިމޮކްރަސީ ފޭލުވެ، ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދެވިގެންދާނެ ކަމެކެވެ،" ތަސްމީނުގެ ބަޔާނުގައިވެ އެވެ.ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އެއީ މަސައްކަތަށް ހުރަސް އެޅުންވުން ކަމަށް ވިދާޅިވާއިރު ޑިމޮކްރަސީގެ މޮޅުކަމާއި ޑިމޮކްރަސީ ނެތުމުން ކުރީގެ ސަރުކާރު ހުދުމުހުތާރުކޮށް ވެރިކަން ކުރާ ކަމަށް ބުނެ އެ ސަރުކާރު ވައްޓައިލަން މަސައްކަތް ކުރި ޕާޓީއަކަށް މިއަދު ސަރުކާރު ލިބުމުން އަމަލުތައް ބަހައްޓާ ގޮތަކީ ޑިމޮކްރަސީ ނޭނގޭތީ ކަންކުރާ ގޮތް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ތަސްމީނު ވިދާޅުވެފައިވެ އެވެ.  ގާނޫނު އަސާސީ 98 ވަނަ މާއްދާގެ (ހ) ބުނާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ އެމީހަކު އަދާކުރަން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން އެމީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދޭން ޖެހެ އެވެ. އަދި އެ މީހަކު އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެމީހަކަށް އެންގިދާނެ އެވެ.ރައީސް އޮޕީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ވާދަވެރި ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ތަސްމީނު ކުރައްވާ މަސައްކަތްޕުޅުތަކަށް ސަރުކާރުން މަރުހަބާ ވިދާޅުވާ ކަމަށާއި ނަމަވެސް ގާނޫނޫނު އަސާސީގެ 98 ވަނަ މާއްދާގެ ދަށުން ވަޒީރުން ހާޒިރުވާން ޖެހޭނީ މަޖިލީހަށް އެކަނި ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށާއި 99 ވަނަ މާއްދާގެ (ހ) ގައި ބުނާ މީހުން ހާޒިރު ކުރުމުގެ ބަޔަށް ސަރުކާރުގެ މަސްއޫލުވެރިން ނުފެތޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ