ޤާސިމާއި ޔާމީން ގޭ ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކުރުމަށް ކޮށްފައިވާ ހުކުމް ސުޕްރީމު ކޯޓުގައި އިސްތިއުނާފްކޮށްފި

19:00ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމާއި، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގޭބަންދުގައި ބޭތިއްބުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމު ކޯޓުގައި މިއަދު އިސްތިއުނާފުކުރައްވައިފި އެވެ.އެ ދެ ބޭފުޅުންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، މިއަދު އެގާރަ ޖެހިއިރު އެ މައްސަލަ އިސްތިއުނާފް ކުރައްވާފައިވާ ކަމަށާއި، ނަމަވެސް އެކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުން އަދި ވަކި އެއްޗެއް ނާންގަވާ ކަމަށެވެ. އަދި ގާސިމާއި ޔާމީނަށް ހައި ކޯޓުން ރޭ ހުކުމް ކުރައްވާފައި ވަނީ ދިފާއުގައި މަސައްކަތް ކުރެއްވުމަށް އެ ފަރާތްތަކަށް މާބޮޑު ފުރުސަތެއް ނުދެއްވައި ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.އާޒިމާ އަދި ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުއްވި ސިޓީތަކުގައި އެ ދެ ބޭފުޅުންނާ ސީދާ ގުޅޭ ކަމެއް ނެތް ކަމަށް ވިދާޅުވެ ހުކުމް އިއްވުމަކީ ވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި ދިފާއުވުމުގެ ހައްގަކީ މުވައްކިލަށް ލިބިގެންވާ ހައްގަކަށް ވާއިރު ފުލުހުން ހުށަހެޅި ސިޓީތައް އެ ފަރާތަށް ލިބިފައިނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެ ސިޓީތަކުގައި ސިއްރުކުރަންޖެހޭ ކަމެއްވާނަމަ ސިއްރު ކުރެއްވުމަށްފަހު ނަމަވެސް އޭގެ ކޮންޓެންޓަކީ ލިބެންޖެހޭނެ އެއްޗެއް ކަމަށާއި، އެކަމަށް އެދިފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.މި މައްސަލައިގައި މިހާތަނަށް ހިނގާފައިވާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވޭތޯ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ، ހައިކޯޓުގައި ރޭ ހުކުމް ކުރުން ކުރިއަށްދިޔައިރު، ކޯޓުގެ ދޮރު ކައިރީގައި ސަރުކާރަށް ނިސްބަތްވާ މީހުން މުޒާހިރާކުރަމުންދިޔަ ކަމަށެވެ. އަދި ކޯޓަށް ފަނޑިޔާރުން ވަންނަވަން ޖެހުނީ ވެސް އެމީހުންގެ ތެރެއިން ކަމަށާއި، އެއްވެ ތިބި މީހުން، ފަނޑިޔާރުން ހައްޔަރުކުރުމަށް ގޮވާ އަޑު ޝައީއަތުގެ މަޖިލިސް ތެރެއަށް އިވެމުންދިޔަ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް ޝަރީއަތަށް ނުފޫޒު ފޯރުވުމާ މެދު އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.ގައުމުން ކޮރަޕްޝަން ނައްތާލުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ކޮރަޕްޓްވެފައިވާ މެންބަރުން ހިފާ ހައްޔަރުކުރުމަށް ގޮވާލައި، އެމްޑީޕީން ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާ މިއަދުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ އިސް ބައެއް ވެރިންނާއި، ސަރުކާރުން އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި މުޒާހިރާގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯމޫސާ މަނިކު ތަކުރާރުކޮށް، ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހިޔާނާތްތެރިން ކަމަށެވެ. އަދި މުޅި ގައުމުން ކޮރަޕްޝަން ފޮހެލެވެންދެން މުޒާހިރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މޫސަ ވިދާޅުވަމުން ގެންދެވި އެވެ. އަދި އެކަމުގައި ދޫ ނުދިނުމަށް ސަރުކާރަށް ތަކުރާރުކޮށް މޫސަ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ