ކާބަން ނިއުޓްރަލް ކުރުމަށް 3-5 ބިލިޔަން ޑޮލަރު ބޭނުންވޭ

ރާއްޖޭގެ ހަކަތައިގެ ދާއިރާ ކާބަން ނިއުޓްރަލް ކުރުމަށް 3- 5 ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ހޯމަދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން ރާއްޖޭގެ ރަށްރަށުގައި ޑީސަލް އިންޖީނު ބޭނުންކޮށްގެން ކަރަންޓްގެ ޚިދުމަތް ދިނުމަށް ވުރެ ސޯލާ ޕެނެލްގެ އެހީގައި ކަރަންޓްގެ ޚިދުމަތް ދިނުމުން އަގު ހެޔޮވާނެ ކަމަށެވެ. "މިހާރު ރާއްޖޭގެ އިގްތިސޯދު ހިނގަމުން މިދަނީ އިމްޕޯޓްކޮށްފައިވާ ތެލުގެ އެހީގައި، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާ އެކީ ރާއްޖޭގެ ހުރިހާ ފަރާތަކަށް އޭގެ ނެދެވޭ އަސަރު ކުރޭ. ނަމަވެސް ރާއްޖެ އަކީ އިރުގެ ދޯދި އަބަދުމެ ލިބެމުންދާ ގައުމަކަށް ވުމާ އެކު، އިރުގެ ހަކަތައަށް ބަދަލުވުމުން ގައުމުގެ ހަކަތައިގެ ރައްކާތެރިކަމާ މެދު ޔަގީންކަން އިތުރުވާނެ،" އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ވިދާޅުވި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ދިރާސާތަކުން ދައްކާ ގޮތުން ޑީސަލް އިންޖީނަކުން ކަރަންޓް ދިނުމަށް ގަޑިއިރަކަށް ކިލޯވޮޓަކަށް ގާތްގަނޑަކަށް 4- 6ރ. ހިނގާ ކަމަށެވެ. ނަމަވެސް ސޯލާ ޕެނެލްގެ އެހީގައި ކަރަންޓް ފޯރުކޮށް ދިނުމުން ކިލޯވޮޓަކަށް ގަޑިއިރަކަށް އަރަނީ ގާތްގަނޑަކަށް ތިން ރުފިޔާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އެކުލަވާލާފައިވާ ޕްލޭންގައިވާ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ 80 ޕަސެންޓް ރަށްރަށަށް މިހާރު އޮތް އަގަށް ވުރެ ބޮޑުނުވާނެ ގޮތަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ދޭ ނިޒާމަކަށް ބަދަލުކުރެވިދާނެ އެވެ. އަދި ރިސޯޓްތަކުގައި ވެސް ޑީސަލް ބޭނުންކުރެވޭ މިންވަރު މަދުކުރެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ