ޖަލުގައި ތިބި ހިމަންދޫ މީހުން މިނިވަންކުރުމަށް ޒަކީ އާއި އަފީފު އެ މީހުންނާ ބައްދަލުކުރައްވައިފި

އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު ބަޔަކާއި ރާއްޖޭގެ ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު 2007 ވަނަ އަހަރު އެ ރަށުގައި ހިނގި ކުރިމަތިލުމާ ގުޅިގެން ޖަލުގައި ހައްޔަރުކޮށްފައިވާ މީހުން މިނިވަންކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ މަންދޫބަކު އިއްޔެ ޖަލަށް ޒިޔާރަތްކުރައްވައި އެ މީހުންނާ ބައްދަލުކުރައްވައިފި އެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން މާފުށީ ޖަލަށް ވަޑައިގެން ޖަލުގައި ތިބި ހިމަންދޫ މީހުންނާ ބައްދަލުކުރެއްވީ ރައީސްގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފު ކަމަށެވެ. މި ދެ ބޭފުޅުންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހު މުހައްމަދު ޝަހީމް އަލީ ސައީދާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ހިސާން ހުސެއިން ވެސް ޖަލަށް ވަޑައިގެންނެވި ކަމަށް ޒުހައިރު ވިދާޅުވި އެވެ. "ހިމަންދޫ މީހުންނަށް ލުޔެއް ދެއްވުމަށް ރައީސްވަނީ ނިންމަވާފައި. އެހެންވީމަ އެ ކަމާ ގުޅޭ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކުގެ މައުލޫމާތު ދެއްވުމަށް ސްޕެޝަލް އެންވޯއީ އާއި ޕޮލިޓިކަލް އެޑްވައިޒަރު ވަޑައިގެންނެވީ. އެ މީހުންނަށް ލުޔެއް ދެއްވާނީ ގާނޫނީ އިމުގެ ތެރޭގައި. ގާނޫނީ ގޮތުން ވަކި ކަންތައްތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ޕޮލިޓިކަލް އެޑްވައިޒަރާއި ސްޕެޝަލް އެންވޯއީ އެ މީހުންނަށް ދެންނެވި،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ހިމަންދު އަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ، ޖަލުގައި ތިބި ހިމަންދޫ މީހުންނަށް ލުޔެއް ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ހިމަންދޫ މީހުންނަށް ލުޔެއް ދެއްވާނީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށާއި މަޝްވަރާކުރައްވަންޖެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. އަދި ރައީސް އެ ދުވަހު ވިދާޅުވެފައިވަނީ ހިމަންދޫ މީހުން ޖަލުން ދޫކޮށްގެން ނުވަތަ މާފު ދީގެން ނުވަތަ ލުޔެއް ދިނުމުން އިތުރު ގޯހެއް ނުކުމެއްޖެ ނަމަ އެއީ އެ މަނިކުފާނުގެ އިހުމާލުން ވީ ކަމަކަށް ނޫނީ ނުވާނެ ކަމަށެވެ. އަދި ހިމަންދޫ މީހުންނަށް ލުއި ދިނުމުން އޭގެ ފަހަތުން ގޯސް ނަތީޖާއެއް ނުކުމެއްޖެ ނަމަ އެ މަނިކުފާނު މުޅި އުމުރަށް ހިތާމަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކާ ދިމާވެދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން އެ މަނިކުފާނު ހިތާމަކުރެއްވުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށާއި އެކަމަކު ގައުމަށް ދެރަ ގޮތެއް ދިމާވުމަކީ އެންމެންނަށް ވެސް ލިބޭނެ ދެރައެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ. ޖަލުގައި ތިބި ހިމަންދޫ މީހުންގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ފިކުރުގެ މީހުން އުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އެ މީހުންނަށް ލުޔެއް ދެއްވަނީ ކޮން ގޮތަކަށް ބައްލަވާފައިތޯ ދެންނެވުމުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޖަލަށް ވަޑައިގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ދީނީ ގޮތުން އެ މީހުންގެ ފިކުރު ހުރި ގޮތް ބައްލަވައި އިސްލާހުތައް ގެނެވޭނެ މަގު ފަހިކުރެއްވުމަށްޓަކައި ކަމަށެވެ. "ދީނީ ގޮތުން ވަކި ފިކުރެއް ގެންގުޅޭ މީހުން ހައްޔަރުކޮށްގެން އެ މީހުންގެ ފިކުރު ބަދަލުކުރުމަކީ ކުރީ ޒަމާނުގައި ގެންގުޅުނު ވިސްނުމެއް. އެކަމަކު މި ޒަމާނުގައި ދީނީ ގޮތުން ހިޔާލު ތަފާތު މީހުން ހައްޔަރުނުކުރިޔަސް އެ މީހުން އިސްލާހުކުރެވޭނެ. އެ މީހުން ހައްޔަރުނުކޮށް ވެސް އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި ހެދޭނެ ގޮތް ހުންނާނެ. މި ސަރުކާރުން ގެންގުޅޭ ވިސްނުމެއް އެއީ،" ޒުހައިރު ވިދާޅުވި އެވެ. ހިމަންދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެކި މުއްދަތުތަކަށް ޖަލަށްލުމަށް 17 މީހެއްގެ މައްޗަށް ހުކުމްކުރި އެވެ. އެ މީހުން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެވްރެޖްކޮށް 12 އަހަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ