ރާއްޖޭއިން ކޯވިޑާއި ގުޅިގެން 1028.6 މިލިއަން ރުފިޔާ ހޭދަކޮށްފި

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށާއި، ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަމަށް 1028.6 މިލިއަން ރުފިޔާ 2 ޖުލައި 2020 ގެ ނިޔަލަށް ހޭދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމުކުރާ “ވީކްލީ ކޯވިޑް-19 ސްޕެންޑިން” ރިޕޯޓުގައިވާ ގޮތުން، މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 އާއި ގުޅިގެން ، 1028.6 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު %5.4 އިތުރު އަދަދެކެވެ.
އެ ރިޕޯޓުގައި ވާގޮތުން ކޯވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ހޭދައެއް ކުރަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީ އިންނެވެ. މިގޮތުން މިދިޔަ ހަފްތާ ހެލްތު މިނިސްޓްރީ އިން ވަނީ 13.2 މިލިއަން ރުފިޔާގެ އަގުހުރި އިކުއިޕްމެންޓު ރާއްޖޭގެ ރަށްރަށަށް ފޮނުވައި ވާކަމަށް ރިޕޯޓުގައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކޯވިޑް-19 އާއި ގުޅިގެން ކުރާ ޓެސްޓުތައް ހެދުމަށް ބޭނުންވާ މެޝިނަރީ އާއި ސާމާނެވެ.
މި ރިޕޯޓުގައި ބުނާގޮތުން އެންޑީއެމްއޭއިން ދަތުރުފަތުރަށް ކުރި ހަރަދު އޭގެ ކުރީ ހަފްތާ އަށްވުރެ 13.3 ޕަސެންޓް އިތުރު ވެފައިވާއިރު، އެންޑީއެމްއޭ އިން ދަތުރުފަތުރަށް 14.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
ކޯވިޑާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށާއި، މާލީ ދަތިތައް ދިމާވި ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް މިހާތަނަށް 2،507 ފަރާތަކަށް، 10.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެރިޕޯޓުގައި ވެއެވެ.
މީގެއިތުރުން ކޯވިޑް ރިކަވަރީ ލޯން ސްކީމުގެ ދަށުން ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 391.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެސްޑީއެފްސީ މެދުވެރިކޮށް 118.5 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށްވެސް އެރިޕޯޓުގައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ދަރުބާރުގޭގައި ހިންގަމުންދިޔަ ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.
މިމަހުގެ 15 ގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު، ރާއްޖޭގެ އިޤްތިސޯދަށް ކޯވިޑްގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަތުމަށް ގިނަ ދުވަސްތަކެއްް ހޭދަވާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރަށްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ