ހިޔާ ފްލެޓަށް ވަދެވޭނީ ލޯކަލް ކައުންސިލް އިންތިހާބަށް އެއްމަހަށް ވުމުން!

ހިޔާ މަޝްރޫއުގެ ދަށުން މިހާރު ހަދަން ފަށާފައިވާ، 6،720 ފްލެޓްގެ މަސައްކަތްތައް ނިންމާ އެ ތަނަށް މީހުން ވަދެވޭ ވަރަށް މަޝްރޫއު ނިންމަން އަދި އަށް މަސް ދުވަސް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވާއިރު، ހިޔާ ފްލެޓްއަށް އެންމެ އަވަހަށް މީހުން ވަދެވޭނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެއްމަސްކުރިންނެވެ. 
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު އެ ތާރީހުގައި ނުބޭއްވޭނެތީ ގާނޫނަކުން އެ އިންތިހާބު ވަނީ ފަސް ކޮށްފަ އެވެ. 
މިހާރު އޮތް ގޮތުން ކައުންސިލް އިންތިހާބު ބާއްވަން ޖެހެނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރި ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގަ އެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ގާނޫނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިއަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ކަމުން އަންނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިންތިހާބު ބޭއްވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މިނިސްޓަރ އަސްލަމް ހިޔާ ފްލެޓަށް އެންމެ އަވަހަށް މީހުން ވަދެވޭނެކަމަށް ދެއްވި 8 މަސްހަމަވާނީ އަންނަ އަހަރުގެ މާޗުމަހަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވެފައިވަނީ ނުނިމި ހުރި މަސައްކަތް ތަކުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތަކީ ފްލެޓްތަކުގެ ތަޅުން އަޅުން ކަރަންޓު އަދި ފެން މީޓަރު ހަރު ކުރުންކަމަށެވެ.
"ކޮންޓްރެކްޓު ކުރެވިފައި ވަނީ ދެ އަހަރު ތެރޭގައި މަސައްކަތް ނިންމުމަށް، އެހެންނަމަވެސް ނުނިމި ހުރި މަސައްކަތް ތަކުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތަކީ ފްލެޓްތަކުގެ ތަޅުން އަޅުން ކަރަންޓު އަދި ފެން މީޓަރު ހަރު ކުރުން އެއީ ކޮންޓްރެކްޓަރާއެކު ކުރެވިފައިހުރި މަސައްކަތް. އެ މަސައްކަތް ނިންމުމަށް އެޗްޑީސީ އަށް ކޮންޓްރެކްޓަރު ދޭ މުއްދަތަކީ އަދި އަށްމަސް ދުވަސް. މީގެން ތަނަކަށް މީހަކަށް ވަދެވޭނީ އަދި މީގެ އަށް މަސް ފަހުން" މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ މަސައްކަތް މިހާބޮޑަށް މަޑުޖެހިފައިމިވަނީ ރައީސް އިބްޜާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ހިޔާގެ ކުރެހުން ބަދަލުކުރުމަށްކަމަށް ބުނެ މުޅި މަޝްޜޫއު މަޑުޖައްސާލުމުންނެވެ. 
އެގޮތުން 21 ޖެނުއަރީ 2019 ގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެގޮތަށް ބަދަލު ގެންނަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެ ފްލެޓްތަކުގެ ހާލަތު ބެލިއިރު، އެއީ ދިވެހިންނާ އެއްވެސް ވަރަކަށް ގުޅޭ ގޮތަށް ހަދަމުންދާ ތަންތަނަށް ނުވާތީ ކަމަށެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ތިން ކޮޓަރި އަށް ބަދަލުކުރެވެން އޮތީ ސްޓްރަކްޗަ އެއްކޮށް ނުނިންމައި އަދި އެތެރެއިން ރާނަން ފަށާފައި ނުވާ ޓަވަރުތަކުގައި ހިމެނޭ ފްލެޓްތައް ކަމަށެވެ.
"ރޭނިފައި ހުރި ތަނެއް އަނެއްކާ ތަޅާލާފައި ބަދަލުކުރުން އެއީ ކޮސްޓަކަށް ވާނެ. އެކަމަކު ފާރުތައް ނުރޭނި ހުރި ތަންތަނުގައި މި ވަގުތަށް ދެން އިތުރަށް ފާރުތައް ނުރާނަން އަޅުގަނޑުމެން ވާނީ އެދިފައި،" ސުހައިލް ވިދާޅުވި އެވެ.
"ސަރުކާރުން އިރުޝާދު ދެއްވާފައި އެބަ އޮތް ކިހާ ވަރެއްތޯ ތިން ބެޑްރޫމަށް ބަދަލުކުރެވޭނީ ބަލަން. މިސާލަކަށް އެތެރޭގެ ލޭއައުޓްތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން ކުރެވޭތޯ އެބަ ބަލަން. އެހެންވެއްޖިއްޔާ [ފްލެޓްތަކުގެ] އަދަދު ވެސް މަދުވާނެ. ތިން ފްލެޓް އެއްކޮށްލައިގެން ދެ ފްލެޓް ނެގޭނީ. އެހެންވެ އެކްސަސައިޒެއް އެބަ ހިންގަން މިހާރު." ސުހައިލް ވިދާޅުވިއެވެ.
ހިޔާ ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ