ކޯވިޑް-19 : އިތުރު 53 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 53 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 6 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 42 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 11 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،098 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 93 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8847 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1210 އަށް އަރާފައިވާއިރު 620 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 83 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި 8 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1454 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 149،135 ސާމްޕަލް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 20 ރަށަކުންނާއި، 24 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 31 ދިވެއްސަކަށާއި، 4 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 12 ފަތުރުވެރިއަކާއި، 30 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ