މިއަހަރުގެ މިހާތަނަށް 209 މިލިއަން ޑޮަލަރުގެ ލޯނު ނަގައިފި

މިއަހަރުގެ މިހާތަނަށް ބޭރުގެ ބޭންކުތަކުންނާއި މާލީ އިދާރާތަކުން 209 މިލިއަން ޑޮލަރުގެ ލޯނު ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ލޯނުތައް ނަގާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ ތިންވަނަ ދުވަހާއި ހަމައަށެވެ.
މިއަހަރުގެ މިހާތަނަށް ހަތް ފަރާތަކުން ލޯނު ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިންނެވެ. އެ ފަންޑުން 50 މިލިއަން ޑޮލަރު ނުވަތަ 770 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ނަގާފައެވެ.
ސައުދީ ފަންޑުން 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާ ނަގާފައިވާއިރު ލޯނުތައް ހާއްސަ ކުރަން ނިންމާފައިވަނީ ގެދޮރު ވެރިކަމާއި ގުޅޭ މަޝްރޫއުތައް ހިންގުމަށާއި މަސްވެރިކަމާއި ގުޅޭ މަޝްރޫއުތަކަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މިހާ ގިނަ އަދަދަށް ލޯނުތައް ނަގަމުން އަންނާތީ ރާއްޖޭގެ ދަރަނި އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ވަނީ 69 ބިލިއަން ރުފިޔާ އަށް ރާއްޖޭގެ ދަރަނި ވަނީ އަރާފައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާނަމަ އެއީ 107 ޕަސެންޓެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށް ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް އަޑި އަޅާލާފައެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުޑަކޮށް ދައުލަތުގެ އިސްވެރިންގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފައެވެ. މީގެއިތުރުން ބޭރު ގައުމުތަކުގެ އެހީތެރިކަން މިކަމުން އަރައިގަތުމަށް ސަރުކާރުން ދަނީ ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ