އިތުރު 9 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގެ އިތުރު 9 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ޓާފް ދަނޑުތައް އެޅުމަށް ނިންމާފައިވާ ރަށްތަކަކީ އ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީގެ ރަށެކެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އައްޑޫ ސިޓީގައި ޓާފް އަޅާ ރަށެއް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑަ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
މި ނުވަ ރަށުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ހަވާލުކޮށްފައިވަނީ 30 މިލިޔަން ރުފިޔާއަށެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ