ތަޖުރިބާ ހޯދަން ށ.އަތޮޅު ކައުންސިލުން ކޮލަމްބޯއަށް ދިޔައީ އުސޫލުން ބޭރުން: އޮޑިޓަރ

ށ.އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި 2023 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯއަށް ގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތަތުގައި ބަޔާންކޮށްފައިވާ އުސޫލްތަކާ ހިލާފަށްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
އޮޑިިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ށ.އަތޮޅު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެ އިދާރާއިން އެއަހަރު ލަންކާއަށް ތަޖުރިބާހޯދަން ކުރި ދަތުރަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް މާލީ ވުޒާރާއިން ދައުލަތުގެ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސާކިއުލާއިން އަންގާފައިވ އެންގުންތަކާ ހިލާފަށް ކުރި ދަތުރެއްކަމަށެވެ.
ށ.އަތޮޅު ކައުންސިލުން ލަންކާއަށް ކުރި ދަތުރަށް ކައުންސިލްގެ ބަޖެޓުން ވަނީ، 405،248 ރުފިޔާ ހަރަދުކޮށްފައެވެ. މި ދަތުރުގައި ކައުންސިލް އިދާރާ ތަމްސީލްކުރާ 14 މެމްބަރުންނާއި، ސެކެރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖްމަންޓް މުވައްޒަފަކު ހިމެނޭހެން ޖުމްލަ 16 ބޭފުޅަކު ސްރީލަންކާއަށް ދިޔައެވެ. އެފަރާތްތަކުން ސްރީލަންކާއަށް ކޮށްފައިވަނީ 6 ދުވަހުގެ ދަތުރެކެވެ. 
ކައުންސިލުން ލަންކާއަށް ކުރި ދަރުރުގެ ބައެއް ހަރަދުތައް.. ފޮޓޯ: އޮޑިޓް އޮފީސް
އޮޑިތް ރިޕޯޓްގައި ވަނީ އެފަރާތްތަކުން ދަތުރަށް ކުރި ހޭދަ އަނބުރާ ހޯދާނޭގޮތެއް ބަޔާންކޮށްފައިނުވާ ކަމަށައި، އެގޮތުން ދަތުރުގެ ހަރަދަށް ސްޕޮންސަރއިން ފައިސާ ލިބޭތޯ ބަލާފައި ނުވާކަމަށެވެ. 
ކައުންސިލުން ލަންކާއަށް ކުރި ދަރުރުގެ ބައެއް ހަރަދުތައް.. ފޮޓޯ: އޮޑިޓް އޮފީސް
އޮޑިޓް ރިޕޯޓަށް މައުލޫމާތު ހިއްސާކުރަމުން ކައުންސިލުން ބުނެފައިވަނީ މި ދަތުރުގެ މައިގަނޑު މަގްސަދަކީ، އަވައްޓެރި ޤައުމުތަކުގެ ކައުންސިލްތަކުން ކުނިމެނޭޖްކުރުމާއި މުނިސިޕަލް ހިދުމަތްތަކާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތަޖުރިބާ ހޯދުންކަމަށެވެ. އެގޮތުން މި ދަތުރުގައި ބެރުވާލާ ޕްރޮވިންސް އަދި ދެހިވެލަ މައުންޓް ލެވީނިއާ މުނިސިޕަލް ކައުންސިލްގެ އިސްވެރިންނާ ބައްދަލުކޮށް އެ ސަރަހައްދުތަކުގައި ކުނިމެނޭޖްކުރާ ތަންތަނަށްގޮސް އެކަންކަންކުރާ ގޮތް ބަލާފައިވާނޭކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ދިވެހި ދައުލަތުގައި ކަމާ ގުޅޭ ކުންފުނިތައް ހުރިއިރު، އެފަދަ ކުންފުނިތަކާ  ގުޅިގެން މިފަދަ ދަތުރުތައް ކުރުމުން ޤައުމީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވާނޭކަމަށެވެ. ނަމަވެސް ކައުންސިލުން އެފަދަ އެއްވެސް ކުންފުންޏަކާ މުއާމަލާތްކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 
މީގެ އިތުރުން ލޯކަލް ކައުންސިލްގެ މަސައްކަތްތަކާއި ކައުންސިލްތައް ހިނގަމުންދާގޮތް ބަލައި ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީނާއި އިދާރީ އަދި ފަންނީ ގާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައްދީ އެކަންކަން ހަމަޖައްސައި ދިނުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްސޫލިއްޔަތެއްކަމަށެވެ. އޮޑިޓަރ ޖެނެރަލް ވަނީ ށ.އަތޮޅު ކައުންސިލުން ސްރީލަންކާއަށް ތަޖުރިބާ ހޯދުމުގެ މި ދަތުރުކޮށްފައިވަނީ އެލްޖީއޭއާ މަޝްވަރާ ކުރުމެއްނެތިކަން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ