ބަޖެޓު ކުޑަކުރުމުގެ ކަންބޮޑުވުމާއެކު ޝާމިލް: ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާ!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓު މި އަހަރަށްވުރެ ކުޑަކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ ކޮމިޝަނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ވަނީ ހުށަހަޅައިފައެވެ. އެ ކޮމިޓީގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝާމިލް ވަނީ، އެ ކޮމިޝަނަށް ސަރުކާރުން ފާސްކޮށްފައި އޮންނަ ބަޖެޓުން ޚަރަދު ކުރާއިރު، ފިނޭންސް މިނިސްޓްރީގައި ވަކިވަކިން ފައިސާއަށް އެދެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ އދ.ގެ ކޮރަޕްޝަނާ ދެކޮޅު މުއާހާދާގައި ބައިވެރިވެފައިވާ ގައުމެއް ކަމަށްވާއިރު، އެ މުއާހަދާގެ ދަށުން އޮންނަ ޖަކާޓާ ޕްރިންސިޕަލްގައި، އެންޓި ކޮރަޕްޝަން ކޮމިޝަންތަކަށް ގާނޫނު ހަދާ މަޖިލީހުން ބަޖެޓު ކަނޑައެޅުމަށް ބުނެފައިވާ ކަމަށެވެ. އެ އުސޫލުން، އޮޑިޓާ ޖެނެރަލްގެ އޮފީހަށް މިހާރު ވެސް މަޖިލީހުން ވަކިން ބަޖެޓެއް ފާސްކުރާކަން ޝާމިލް ފާހަގަކުރެއްވިއެވެ. ޝާމިލް ވިދާޅުވީ އޭސީސީގެ މަސައްކަތާ ގުޅޭ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ކަމަށް ވުމުން، އެ ކޮމިޝަނުގެ މަސައްކަތްތަކަށް ބަލައި މަޖިލީހުން ބަޖެޓު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އޭސީސީއަށް ފެނެއެވެ. "މިސާލަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަޅުގަނޑުމެންގެ ޕާފޯމެންސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އަދި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ މިންވަރާއި ގޮންޖެހުންތަކާއި ގާބިލުކަން ވެސް،" އޭނާ ވިދާޅުވިއެވެ. "އެހެންވީމަ މަޖިލީހުގެ ދައުރެއް އޮތުން މުހިންމު ކަމަށް ދެކޭތީ އާއި އެއީ ބައިނަލްއަގުވާމީ ގޮތުން އެންމެ ރަނގަޅު މިންގަނޑަކަށް ވާތީ އެކަމަށް ބާރު އަޅަނީ." އޭސީސީގެ ރައީސް އާދަމް ޝާމިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: އޭނާއަށާއި އޭސީސީއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ޝާމިލް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް އޭސީސީއަށް ފައިސާ ދޫކުރާއިރު މިހާރު އޮންނަ ގޮތަށް، ބަޖެޓު ކޮންޓްރޯލްތަކެއް އޮތުން މުހިންމުކަން ގަބޫލުކުރައްވާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފައިވާ ބަޖެޓުގައި އޭސީސީއަށް ކަނޑައަޅައިފައިވާ މިންވަރު ދަށްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ ކޮމިޝަނަށް މި އަހަރު 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވަނީ އެ އަދަދު 47 މިލިއަނަށް ދަށްކޮށްފައެވެ. "ފިނޭންސް މިނިސްޓްރީއަށް އަޅުގަނޑުމެންގެ ހުރި ބައެއް ކަހަލަ ދަތިތައް އަޅުގަނޑުމެން މި ތަކުރާރުކޮށް ލިޔަމުން ގެންދާއިރު ވެސް އެނގިވަޑައިގެންނެވުމުގައި އުނދަގޫތަކެއް ހުންނާތީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. https://sun.mv/213506 އޭގެ ފަހުން، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ޝަރީފް ކުރެއްވި ސުވާލެއްގައި ވަނީ، އޭސީސީއަކީ މިނިވަން ތަނެއް ނޫން ކަމުގެ ތުހުމަތުތައް އަމާޒުވާކަން ފާހަގަކުރައްވައިފައެވެ. އަދި މިހާތަނަށް ސަރުކާރުން ނުވަތަ އެއްވެސް ބޭފުޅަކު ވެސް އެ ކޮމިޝަނަށް ނުފޫޒު ފޯރުވައިފައިވޭތޯ އޭނާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ޝާމިލް ވިދާޅުވީ އެ ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފައްދާ ބައެއް ސަބަބުތައް ހުންނަ ކަމަށާއި އޭގެ ތެރެއިން އެއް ސަބަބަކީ ތަހުގީގެއް އަވަސްވުން ނުވަތަ ލަސްވުން ކަމަށެވެ. އެގޮތުން ތަހުގީގެއް ލަސްވުމުން، އެއީ ކޮމިޝަނުން ގަސްތުގައި ލަސްކުރަނީ ކަމަށް ބައެއް މީހުން ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާމިލް ވިދާޅުވީ މަސައްކަތްތައް ލަސްވާ ސަބަބުތައް ވެސް ހުންނަ ކަމަށާއި އެގޮތުން، އޭސީސީން މައްސަލައެއް ބަލާއިރު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކަށަވަރު ކުރަން ޖެހޭ ވަރަށް ގިނަަ ކަންތައްތައް ހުންނަ ކަމަށެވެ. އަދި ކޮމިޝަނުގައި ފަންނީ ގާބިލުކަމާއި ވަސީލަތްތައް ހުރި ގޮތުން ވެސް ގޮންޖެހުންތައް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑުމެންގެ މައްޗަށް ވަކި ނުފޫޒެއް އޮވެގެން އެކަން އެހެން ދުވަހަކު ވެސް ދިމާވެފައި އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، ހަމަގައިމު ވެސް އަޅުގަނޑު މި މަސައްކަތާ ހަވާލުވި ފަހުން ސަރުކާރުންނެއް، އަދި މިހާރުގެ އިއްޒަތްތެރި މެންބަރު ތި ކުރެއްވި ސަރުކާރަކުންނެއް ނެތް،" މިހާރު އޮތް ޕީއެންސީގެ ސަރުކާރަށް އިޝާރަތް ކުރައްވައި އޭނާ ވިދާޅުވިއެވެ. "...އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޝަން ހަވާލުވެހުރި އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ހުރުމުގައި އަޅުގަނޑުގެ މައްޗަށް ނެތް އެއްވެސް ނުފޫޒެއް، ހަމަ ވަރަށް ސާފު އިބާރާތުން މި ދަންނަވަނީ." ޝާމިލް އެހެން ވިދާޅުވިއިރު، އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހުށަހެޅުއްވި މައްސަލައެއް އޭސީސީން ބަލައިގަނެ، ރެޖިސްޓްރީ ވެސް ކޮށްފައިވެއެވެ. https://sun.mv/203799 އަޒްމިރަލްދާ އެ މައްސަލަ ހުށަހެޅުއްވީ، އޭނާއާއި ސުޕްރީމް ކޯޓުގައި ތިއްބެވި އިތުރު ދެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، އޭސީސީން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެ ކޮމިޝަނުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އޭގެ ފަހުން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިއިރު، އަޒްމިރަލްދާއާއި މަހާޒަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ދެ ފަނޑިޔާރުން ވަކިކޮށްފައެވެ. މީގެ އިތުރުން ވެސް އޭސީސީން މައްސަލަތައް ބެލުމުގައި އިންސާފުވެރި ނޫން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި ކޮރަޕްޝަން އެންމެ ގިނައީ އެންމެ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވުން، ސަރުކާރަށް ވަނީ ނުރުހުން އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ