ރޮނާލްޑޯ އަށް ރަތެއް ދައްކައި ޕޯޗުގަލް ބަލިވެއްޖެ، ކޮލިފައިވާން މޮޅެއް ހޯދަން މަޖުބޫރު ރޮނާލްޑޯ އަށް ރަތެއް ދައްކައި ޕޯޗުގަލް ބަލިވެއްޖެ، ކޮލިފައިވާން މޮޅެއް ހޯދަން މަޖުބޫރު

ޑަބްލިން (ނޮވެމްބަރު 14) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑެއް ދެއްކި މެޗުން އެ ޓީމު 2-0 އިން އަޔަލެންޑް އަތުން ބަލިވިއިރު، ކުރިއަށް އޮތް އަރްމީނިއާ މެޗުން މޮޅުވާން މަޖުބޫރުވެއްޖެ އެވެ.
ކޮލިފައިން ގްރޫޕް އެފްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ހަންގޭރީ އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އަޔަލެންޑަށް ފަސް މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލުގައި އޮތް އަރްމީނިއާ އަށް ފަސް މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ.
ގްރޫޕްގެ އެއް ވަނަ އަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، އާދިއްތަ ދުވަހު، އަރްމީިނިއާ ބަލިކޮށްގެން ނޫން ގޮތަކަށް ޕޯޗުގަލް އަށް އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުން ޖާގައެއް ނުލިބޭނެ އެެވެ. އަދި، ޕޯޗުގަލް އިން އެ މެޗު ކުޅެން ޖެހޭނީ ސަސްޕެންޝަނުގެ ސަބަބުން ރޮނާލްޑޯ ނުލަ އެވެ.
ރޮނާލްޑޯ، 40، އަށް ރޭގެ މެޗުގެ 61 ވަނަ މިނިޓްގައި ސީދާ ރަތް ކާޑެއް ދެއްކީ އަޔަލެންޑުގެ ޑަރަ އޯޝެއާ އަށް ފައުލުކުރުމުންނެވެ. މިއީ، ރޮނާލްޑޯ، ޕޯޗުގަލް އަށް ކުޅުނު 226 މެޗުގެ ތެރެއިން ސިދާ ރަތެއް ދެއްކި ފުރަތަމަ ފަހަރެވެ.
އަޔަލެންޑުން ރޭގެ މެޗުން މޮޅުވީ، ފުރަތަމަ ހާފުގައި، ޓްރޯއި ޕެރަޓް ޖެހި ދެ ގޯލުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާލިން ހާލަންޑްގެ ދެ ގޯލާ އެކު، 4-1 އިން އެސްޓޯނިއާ ބަލިކޮށް، ނޯވޭ އިން ވަނީ 28 އަހަރު ތެރޭ ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައިވުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. ނޯވޭ އިން ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި އޮތީ ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓާ އެކު، ދެ ވަނައިގައި އޮތް އިޓަލީ އަށް ވުރެން ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ނޯވޭގެ ފައިދާ ގޯލު ގިނައިރު، ބާކީ އޮތް މެޗުން އިޓަލީ އާދަޔާހިލާފަށް ތަފާތު ބޮޑު ނަތީޖާ އަކުން ނޯވޭ ބަލިކޮށްގެން ނޫނީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ނުލިބޭނެ އެވެ. ނޯވޭގެ ފައިދާ ގޯލުގެ ގޮތުގައި، 29 ގޯލު އޮތްއިރު، އިޓަލީގެ އޮތީ ފައިދާ 12 ގޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ