ގެމަނަފުށީގައި ގާއިމުކުރި އައު އައިސް ޕުލާންޓު، މަސްވެރި ވަޒީރު އަޙްމަދު ޝިޔާމް ހުޅުއްވައިދެއްވައިފި

ގއ. ގެމަނަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގެމަނަފުށީގެ އައު އައިސް ޕުލާންޓު ވަޒީރު އަޙްމަދު ޝިޔާމް ހުޅުއްވައިދެއްވައިފިއެވެ. އައިސް ޕުލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރި ވަޒީރު އަޙްމަދު ޝިޔާމު އާއި އިންޑިޔަން ހައި ކޮމިޝަނަރ ހޮނަރަބަލް ޖީ. ބާލަސުބްރަމަނިއަމްއާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވްއާއި ފޮރިން މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި ގެމަނަފުށީ މުވައްސަސާތަކުގެ އިސްވެރިންނާއި މިފްކޯގެ ސީނިއަރ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެން ދާނެކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަގަޅުވެގެން ދާނެކަމަށެވެ. 
ގެމަނަފުށީ އަލަށް ގާއިމުކުރި މި ޕުލާންޓު އަޅާފައިވަނީ އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެއެވެ. އެހެންކަމުން މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ