ނިންމާލުމުގެ ކުރިން، ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ މިވަނީ ކުރިމަތިވެފައި ކަމުގައިވާތީ، މި މަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން. އަޅުގަނޑު އެދެނީ، މި މަހަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ރަނުގެ ފުރުޞަތަކަށްވުން. ޙަޤީޤަތުގައިވެސް ރަނުގެ ފުރުޞަތެއްވީމާ، އެކަން އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށް، ބަލައިގަނެ، އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރަން. އަޅުގަނޑުމެންގެ ނަފްސުތައް، ޠާހިރުކުރަން. އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ، މުސްލިމެއް ކަމުގެ ފަޚުރު، ހިތާއި ރޫޙުން ލިބިގަންނަން.
އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙު ކުރަން. އަޅުގަނޑުމެންގެ މައިންބަފައިންނާއި، ޢާއިލާގެ މެންބަރުންގެ ތެރޭގައި، ގާތްތިމާގެ މީހުންގެ ތެރޭގައި، ޖެހިފައިވާ މައްސަލައެއް ވިއްޔާ، ފިލުވައިލަން ޢަޒުމް ކަނޑައަޅަން. އަޅުގަނޑުމެންގެ އޮފީސްތަކުގެ މާޙައުލުގައި، މަސައްކަތުގެ މާޙައުލުގައި، އެކަކު އަނެކަކާ ކުރިމަތިވެފައިވާ ހިތްނުތަނަވަސް ކަމެއް އޮތަސް، އެކަމަކުން އަރައިގަންނަން ޢަޒުމް ކަނޑައަޅަން.
އަޅުގަނޑުމެންގެ ސިޔާސީ މާހައުލުގައިވިޔަސް، އަދި ޤައުމީ އެކިއެކި ކަންކަމުގައިވިޔަސް ދިމާވެފައިވާ، ނޫނީވިއްޔާ ހުރި ޚިޔާލުތަފާތުވުމަކުން ވިޔަސް އަރައިގަނެ، އަޅުގަނޑުމެންގެ ޤައުމާއި ދީން އިސްކޮށްގެން ކުރިއަށްދާން ޢަޒުމް ކަނޑައަޅަންވީ. ސަބަބަކީ، އެއީ، މި މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ގޮތަކީ. އަބަދު މާޒީގައި ހިފަހައްޓައިގެން ތިބެގެންނެއް، އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުމެއް ނެތް. މާޒީ ޖެހޭނީ ދޫކޮށްލަން. ކުރިއަށްދިޔުމުގެ ޢަޒުމް ކަނޑައަޅަން ޖެހޭނީ. ތިމާގެ އަމިއްލަ ޙަޔާތުގައި، ތިމާގެ ޢާއިލާގެ ތެރޭގައި، ރަޙްމަތްތެރިޔާއާ މެދުގައި، އޮފީސްތެރޭގައި، މަސައްކަތުގެ މާޙައުލުގައި، ސިޔާސީ މައިދާނުގައި، ކުރިން ދިމާވި ކަމެއްގައި ހިފަހައްޓައިގެން ހުރެގެންނެއް ކުރިއަކަށެއް ނުދެވޭނެ. އަބަދުވެސް ބެލޭނީ ފަހަތް. އިސްލާމްދީން ދަސްކޮށްދެނީ ކުރިއަށްދާން، މާފުކުރަން، އެކުވެރިކަން އާލާކުރަން. ހިތްސާފުކޮށް، ޠާހިރުކުރަން. ތިމަންނަގެ އަތުން އަނެއް މުސްލިމް އަޚާއަށް، އެއްވެސް އުނދަގުލެއް، ދައްޗެއް ކުރިމަތިވިޔަ ނުދޭން، އަޅުގަނޑުމެންނަށް ދަސްކޮށްދެނީ. ތިމަންނަގެ ދުލުން އަނެއް މުސްލިމް އަޚާއަށް، އުޚްތާއަށް އެއްވެސް ދައްޗެއް އުނދަގުލެއް ކުރިމަތިވިޔަ ނުދޭން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ދަސްކޮށްދެނީ. އެއީ، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ސުންނަތުންވެސް، ޙަދީޘްފުޅުތަކުންވެސް ސާފުކޮށް ސީދާކޮށް ފެންނަން އޮތްގޮތް. ތިމަންނަގެ އަތާއި ދުލުގެ ނުބައިކަމުން އަނެއް މުސްލިމް އަޚާއާއި އުޚްތާ ސަލާމަތްވެގެންވާކަން ޔަޤީންކުރުމަކީ، ތިމަންނަ މުސްލިމަކަށްވީތީ، ތިމަންނަގެ ޒިންމާއެއްކަން. އެކަން ޔަޤީންނުވާހާ ހިނދަކު، ތިމާގެ މުސްލިމްކަން ފުރިހަމައެއްނުވާކަން.
އެހެންވީމާ، ބަރަކާތްތެރި ރަމަޟާން މަސް މިއޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި. އިޞްލާޙުކުރަންވީ އަމިއްލަ ނަފްސު. އަމިއްލަ ނަފްސު އިޞްލާޙުކުރުމުގެ ޢަޒުމް ކަނޑައަޅައިގެން، އެ ނިޔަތްގަނެގެން ﷲއަށް ދުޢާ ދަންނަވައި، އެކަމަށް ވާތްގަށް އެދި، އަޅުގަނޑުމެން މި ބަރަކާތްތެރި ރަމަޟާންމަސް ފަށަންވީ. އޭރުން އިޞްލާޙު ވެގެންދާނީ، ތަރައްޤީ ވެގެންދާނީ، ފުރިހަމަގޮތުގައި އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢު. މިކަހަލަ ކިތަންމެ ފާލަމެއް، ކިތަންމެ މަގެއް ހެދިދާނެ. ނަމަވެސް، ބޭނުމެއް ނެތް، ނިމިގެންދާން އޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ކާމިޔާބެއް، ފަލާޙެއް ނެތިއްޔާ. މިއީ އެވަގުތަކީ. މާދަންވެސް ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެ އަޅުގަނޑުމެންނަކަށް. މިތަނުން ފައިބައިގެން ގެޔަށްދެވޭނެ ކަމެއްވެސް ނޭނގެއެއްނޫންތޯ؟ މި ވަގުތު އިޞްލާޙުވާން ޢަޒުމް ކަނޑަނާޅައި، މާދަން އިޞްލާޙުވާން ކަނޑައަޅަން ހުރުމުގެ ވިސްނުން ދެކޮޅުޖެހޭތޯ؟ މިއީ، އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫނޭ. ތިމާގެ އަމިއްލަ ނަފްސަށް ކޮށްދޭކަމެކޭ. އެކަން ތިމާ އަމިއްލަ ނަފްސަށްޓަކައި ކުރަން ނުނިންމާހާ ހިނދަކު، މި ޤައުމަކަށް ނެތޭ ކުރިއެރުމެއް. ޤައުމަކީ ކިހިނެއް އުފެއްދޭ އެއްޗެއްތޯ؟ އިންޑިވިޖުއަލް މީހުން، އަފުރާދުން އެކުވެގެން އުފެދޭ އެއްޗެއް ޤައުމަކީ. ކޮންމެ މީހަކު މިގޮތަށް އިޞްލާޙުވާން ޢަޒުމް ކަނޑަނާޅަންޏާ، ޤައުމު އިޞްލާޙެއް ނުވާނެ. ކޮންމެ މީހަކު އަމިއްލައަށް، އެމީހާގެ ނަފްސު އިޞްލާޙުކޮށް، ހިތް ސާފުކޮށް، މާޒީ ދޫކޮށްލައި، ކުރިއަށްދާން ނިންމައި، އެކުވެރިކަމާއި، ވަރުގަދަ ޢަޒުމެއްގައި ކުރިއަށްދާން ޢަޒުމް ކަނޑަނާޅާހާ ހިނދަކު، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް، ތިމަންނާގެ އުޅުންތައް ބައްޓަންކުރަން ނުނިންމާހާ ހިނދަކު، ޤައުމަކު ނެތް ކުރިމަގެއް. ޤައުމު ކީއްކުރަންތޯ، ތިމަންނާގެ ކުރިމަގެއްވެސް ނެތް، ދެން ދާންއޮތް ދުނިޔެއަކު.
އެހެންވީމާ، މިގޮތުގެ މަތިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް ޢަޒުމް ކަނޑައަޅަން މިއީ ރަނުގެ ފުރުޞަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ﷲގެ ހެޔޮ ރުއްސެވުމާއި، ދަރުމައާއި، ޘަވާބު އެގޮތުން ލިބިގެންދާނެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރުކުރެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވެވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
- ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން-
ރަމަޟާންމަހާއެކު އުޅުން އިޞްލާޙްކޮށް ގުޅުންތައް ބަދަހިކޮށް އެކަކު އަނެކަކަށް އެހީތެރިވެދޭ ބައަކަށްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަން!: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ