ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ކިހާދޫއަކީ ނަމޫނާއެއް: ޝައުނާ

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ބ.ކިހާދޫއިން މުޅި ރާއްޖެއަށް ނަމޫނާ ދައްކާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއެޖެއެވެ.
އެންވަޔަރުމަންޓް މިނިސްޓަރ މިހެން ވިދާޅުވީ ސޮނޭވާ ނަމޫނާ ޕްރޮޖެކްޓްގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތް ކުރާ ބ.އަތޮޅުގެ 7 ރަށަކާއި ނ.އަތޮޅުގެ 3 ރަށަކާއި ހދ.މަނުކުނުދޫ ހިމެނޭހެން ކިހާދޫގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޮނޭވާ ނަމޫނާގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް ކައުންސިލްތަކުން ކަނޑައަޅާފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށް، ކުނީގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުތައް ސަރުކާރަށް ހުށަހެޅުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކިހާދޫއަކީ ދެމެހެއްޓެނިވިި ގޮތެއްގައި ކުނި ނައްތާލުމުގެ ނަމޫނާ ރަށެއްކަމަށާއި، އެކަން އެންމެ ބޮޑަށް ފެނިގެންދިޔައީ އެރަށު ކުނިކޮށީގައި ނުވަތަ އީކޯ ސެންޓްރޯގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަށްފަހުގައިކަމުގައެވެ.
ސޮނޭވާ ނަމޫނާގެ ދަށުން ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ މި އެގާރަށާއެކު ބޭއްވި ޕެނަލް ޑިސްކަޝަންއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ކެއުން އޮތީ ކިހާދޫ ކުނިކޮށީގައެވެ. މިނިސްޓަރ ވިދާޅުވީ ތަނުގެ ސާފު ތާޙިރުކަމާއި އެއްވަރަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ އެހެން ރަށްރަށުގައި ނުކުރާހާ ރައްކާތެރިކަމާއެކު ކަމަށާއި އެކަން ހާސިލް ކުރުމަށް ސަރުކާރުން ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ކައުންސިލްތަކަށް ފޯރުކޮށްދޭނެކަމަށެވެ.
"ކުނިކޮށްޓެއްކަމަށް އިހުސާސް ނުވޭ އެއީ އެހާ ސާފުތާޙިރު އެތަން އަދި ކުނި ނައްތާލުމުގައި ގެންގުޅޭ އުސޫލާ ރައްޔިތުންގެ އެއްބާރުލުން އެކަމުގައި ލިބޭމިވަރު ވަރަށްބޮޑަށް ފެނިގެންގޮސްފި" މިނިސްޓަރ އާއިމިނަތު ޝައުނާ ވިދާޅުވިއެވެ.
މި އެގަރާރަށުން ކަންތައްތަކެއް ސަރުކާރަށް ވަނީ ހުށައަޅާފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރާވަރު މަދުކޮށް ނައްތާލުމަށް މި ރަށްތަކުން ހުށައެޅި އެންމެ މުހިންމު އެއްކަމަކީ ސަރުކާރު ހިއްސާވާ ފެންކުންފުނި އެމްޑަބްލިއުއެސްސީން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓާލާ ރިސޯޓްތަކަށް ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޭނުން ކުރުން ހުއްޓުވުމެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ހާސިލް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ހިންގޭ މަޝްރޫއުކަމަށެވެ.
"މި މަޝްރޫގެ މަސައްކަތް ނިމުން ޕްލާސްޓިކް ފުޅީގައި ފެން އުފެއްދުން މަދު ކުރެވޭނެ، މިހާރުވެސް 300 އެމްއެލް ފުޅީގައި ފެންބަންދުކުރުން ވާނީ ހުއްޓާލާފައި، މިފެށޭއަހަރު 500 އެމްއެލްގެ ޕްލާސްޓިކް ފުޅީގައި ފެންބަންދު ކުރުން ހުއްޓާލާނެ އަދި ކުރިއަށް އޮތް ތަނުގައި އެއްލިޓަރު ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުންވެސް ސަރުކާރުން މަނާކުރާނެ، އެކަމު މިކަން ކުރާނީ ރައްކާތެރި ފެނުގެ ނިޒާމް ޤާއިމްކޮށް ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދިނުމަށްފަހުގައި" މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.
މިޕެނަލް ޑިސްކަޝަންގައި ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް އާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ޗެއަރ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފްގެ އިތުރުން ރައީސް އޮފީހުގެ ސިޔާސަތު ކަނޑައަޅާ ޑިޕާޓްމަންޓްގެ އިސްވެރިންނާއި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ