އިހުމާލަކުން އަނެއްކާވެސް އެ ބިކަވީ އާއިލާއެއް

ފިރިމީހާއަށް ޝިފާއެއް ލިބޭނެ ކަމުގެ އުއްމީދުގައި، ހޮސްޕިޓަލުގެ ގޮނޑިތަކުގައި އައިމިނަތު އަޒްރާ އިށީނދެލައިގެން އިން އިރު ވެސް އޭނާގެ ހިތުގައި ބޮޑު ބިރެއް އޮތެވެ.
ފިރިމީހާ ނެތް ދުނިޔެއެއްގައި އުޅޭނެ ގޮތެވެ. ބައްޕައާ މެދު ދަރިން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެކެވެ. ތިން ދަރިން، އެ ހާލަތާއެކު އުޅޭނެ ގޮތެވެ.
އެންމެ ފަހުން، ރޭ އަޒްރާއަށް ވަނީ އެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ. ނުބައިފަޅިން، ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއްގައި ޖެހި ލިބުނު އަނިޔާގައި، އަޒްރާގެ ފިރިމީހާ ރަމީޒު އަބްދުﷲ ދުނިޔެ ދޫކުރީ އެވެ. މީހެއްގެ އިހުމާލުން އަނެއްކާ ވެސް އާއިލާއެއް ބިކަވީ އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގެ މަންޒަރު އަރާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓު ހިނގީ އެއް ސައިކަލު ވަރަށް މަޑުމަޑުން، ރަނގަޅު ފަޅިން ދުއްވާފައި އަންނަނިކޮށް، ބާރު ސްޕީޑެއްގައި މަގުގެ އަނެއް ކޮޅުން ދިޔަ ސައިކަލަކުން ޖެހިގެންނެވެ. ރަނގަޅަށް ދުއްވި ރަމީޒު، އެ އެކްސިޑެންޓުގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ގެއްލުންވި އެވެ. އޭނާ މަރުވީ، އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، ހޭނާރާ އޮވެ އެވެ.
މި މަރާއެކު ސޯޝަލް މީޑިއާ އަނެއްކާ ވެސް ފުރާލީ މި ފަދަ މީހުން ޒިންމާދާރުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ފާޅުކުރި ހިޔާލުތަކުންނެވެ.
"ނުރައްކާތެރިކޮށް މިގޮތަށް ދުއްވާ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށް، އުމުރު ދުވަހުގެ ހުކުމެއް ކުރަން ޖެހޭ،" ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުންޏެވެ.
"މި ފަދަ މީހުންނަށް އަދަބު ނުދޭ ނަމަ ދުވަހަކު ވެސް މިކަން ނުހުއްޓުވޭނެ."
އެެހެން މީހަކު ބުނިގޮތުގައި އެޔެއް މިޔެއް ނުބަލާ ބާރަށް ދުއްވާ މީހުންނަށް ވުރެ ނުރައްކާ ބޮޑީ، ގަވައިދާ އެއްގޮތަށް އުޅަނދު ދުއްވާ މީހުންނަށެވެ. އަދި މާލޭގައި ވެސް ރަށްރަށުގައި ވެސް މި ނުރައްކާ ބޮޑު ކަމަށް އޭނާ ބުންޏެވެ.
މިކަމުގައި އެކަށީގެންވާ ތަހުގީގެއް ނުހިންގާނެ ކަމަށް ތުހުމަތު އެހެން ބައެއް މީހުން ޝަކުވާ ކުރި އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެކަމަކު، އެކްސިޑެންޓުގައި އިހުމާލުވި މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އޭނާއަށް ފަރުވާ ދެމުންދާތީ ހައްޔަރު ނުކުރާ ކަމަށް ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން ތަހުގީގު ކުރިއަށް ގެންދާނަން،" ފުލުހުންގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި އެވެ.
ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަ ގެއްލޭ ކޮންމެ ފަހަރަކު، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް އަޅާ އަދަބުތައް ހަރުކުރާ ވާހަކަ ދައްކަ އެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ވަނީ މި ފަދަ ތިން އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެއިން އެއްވެސް އިސްލާހެއް އަދި ފާސްކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ