ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ ތެރެއިން ދެ ކޮމިޓީއަކަށް މެންބަރުން ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނީ ތަޢުލީމު ކޮމިޓީ އަދި އެތިކްސް ކޮމިޓީ އަށެވެ.
ބާ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ޤާނޫނީ ތަޢުލީމު ކޮމިޓީއަށް އެކަކު ބޭނުންވާއިރު، އެތިކްސް ކޮމިޓީއަށް ހަތަރު މެންބަރުން ބޭނުންވެއެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް، އަދި ޤާނޫނީ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ.
ޤާނޫނީ ތަޢުލީމު ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގައި ހިންގާ ޤާނޫނީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ކޯސްތަކުގެ މުޤައްރަރާއި ފެންވަރު ހިފެހެއްޓުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމެވެ. އެތިކްސް ކޮމިޓީގެ ޒިންމާއަކީ ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައެޅުމާއި، ވަކީލުންނާ ގުޅޭގޮތުން ހުށަހެޅޭ ސުލޫކީ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާދިނުމެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކޯޓަކުން ނުވަތަ ބާ ކައުންސިލުން ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކުރިމަތިލާ ކޮމިޓީ އެނގޭނޭހެން ލިޔެފައިވާ ސިޓީ، ވަނަވަރު، ވަކީލުކަމުގެ ހުއްދައިގެ ކޮޕީ، އައިޑީ ކާޑު ކޮޕީ އަދި ކުށާއި ދަރަނީގެ ރިކޯޑު ހިމެނެއެވެ.
ބާ ކައުންސިލުގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ