ހުޅުމާލެ ފޭސް1 ގައި ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލަކަށް ބަދަލުކޮށް މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
އެ އިމާރާތް ހުންނަނީ ހުޅުމާލޭގައި އަލަށް ހެދި ކްރިމިނަލް ކޯޓާ އިންވެގެން، ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގަ އެވެ.
ހުޅުމާލެ ޖަލުގެ ޑިރެކްޓަރު އަދި ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ޖާދުﷲ ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގައި ހުރި މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން، ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޖުމްލަ 140 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހެދި އާ ޖަލުން މިއަދު ބޭނުންކުރަން ފެށީ 16 މީހުންގެ ޖާގައިގެ އެއް ސެލް ބްލޮކެވެ.
ޖާދުﷲ ވިދާޅުވީ އިމާރާތުގެ ބާކީ ހުރި ބައިތަކުގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްކޮށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އެ ތަނުގެ ކޮންމެ ޔުނިޓެއްގައި ފަސް ސެލް ބްލޮކް ހުންނާނެ ކަމަށެވެ. ގައިދީން ބައިތިއްބާ ކޮޓަރިތަކަކީ އޭސީކޮށް، ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެތަނުގައި ބައިތިއްބާނީ މާލެ ސަރަހައްދުގައި އެކި މަސައްކަތްތަކުގައި އުޅޭ ގައިދީންނެވެ.
ޔުސްރީން ވިދާޅުވީ އެ ތަނުގެ މަސައްކަތް ކުރަނީ ގައިދީންނާއި ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ބޭސްފަރުވާއަށް މާލެ ސަރަހައްދަށް ގެންނަ ގައިދީން ބޭތިއްބުމަށް މިފަދަ ތަނެއް ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
މާލެ ޖަލު ބޭނުންކުރީ ޓްރާންސިޓް ޖަލެއްގެ ގޮތުގަ އެވެ. ނަމަވެސް، ހުކުމް ތަންފީޒުކުރާ ބައެއް ގައިދީންނާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ވެސް މާލޭ ޖަލުގައި ބޭތިއްބި އެވެ.
އެތަން ބަންދުކުރީ ޖަލާ އިންވެގެން އެޅި ދަރުމަވަންތަ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް ޖަލުން ބައެއް ދީފައި އޮތުމުންނެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީ ޖަލަކަށް ބަދަލުކޮށް ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ