މިލާނޯ-ބިކޯކާ ޔުނިވަސިޓީގެ އައުޓްޕޯސްޓެއް މަގޫދޫގައި ރައީސް ހުޅުއްވައިދެއްވައިފި

އިޓަލީގެ ޔުނިވަސިޓީ އޮފް މިލާނޯ-ބިކޯކާ މޯލްޑިވްސް އައުޓްޕޯސްޓް ފ. މަގޫދޫފައި ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފި އެވެ.
މި އައުޓްޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހަގީގީ ތަރައްގީއަކީ ރައްޔިތުން ތަރައްގީވުން ކަމަށާއި ރައްޔިތުން ތަރައްގީ ކުރުމަށް އެމީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރަނގަޅު ތައުލީމެއް ލިބެންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތު ބިނާވެފައި އޮތީ ތަރައްގީވެފައިވާ ރައްޔިތެއް އުފެއްދެވުމުގެ މައްޗަށް ކަމަށާއި މި ސިޔާސަތުގައި ހިމެނެނީ ވަށާޖެހޭ ތައުލީމެއް ފޯރުވައިދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް މަތީ ތައުލީމެއް ލިބުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން އިޓަލީގެ ޔުނިވަސިޓީ އޮފް މިލާނޯ-ބިކޯކާއާ ގުޅިގެން މިއަދު މި ހުޅުވުނީ މިފަދަ މަތީ ތައުލީމުގެ ފުރުސަތެއް ފަހިވެގެންދާނެ ޔުނިވަސިޓީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޔުނިވަސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން އައި ގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޔުނިވަސިޓީ އުފެދުނީ އެމަނިކުފާނު 2009 ވަނަ އަހަރު ފެބްރުއަރީމަހު އިޓަލީއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޔުނިވަސިޓީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ފަރުތަކާއި ކަނޑާބެހޭ ތަހުލީލް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން ކަމަށެވެ.
މި ހުށަހެޅުއްވުމާ ގުޅިގެން، މިފަދަ ތަހުލީލަކީ އެކަމުގެ ފައިދާ ރާއްޖެއަށް ލިބޭ ގޮތަށް ކުރެވޭ ތަހުލީލަކަށް ވާންޖެހޭނެކަމަށް ސަރުކާރުން އެ ޔުނިވަސިޓީއަށް ހުށަހެޅުއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މަގޫދޫގައި މި އައުޓްޕޯސްޓް ގާއިމް ކުރުމަށް ސަރުކާރުން ހުށަހެޅީ ގުދުރަތީ ގޮތުން އެ ސަރަހައްދުގެ އަތޮޅުތަކުގެ މެދުގައި، އެހެން ރިޒޯޓްތަކާ ކައިރީގައި އަދި މާލެއާވެސް މާ ދުރުނޫން ހިސާބެއްގައި އޮތުމުން، އެކަމުގެ ފައިދާ ރާއްޖެއަށް ލިބޭނެ ކަން ފާހަގަކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން ތަރައްގީއާމެދު ވިސްނާވިސްނުން ބަދަލުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ތަރައްގީއަކީ ކުރެވޭ ބިނާއަކުން ނުވަތަ އަޅާ އިމާރާތަކުން ހޯދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށް ހަގީގީ ތަރައްގީ ލިބޭނީ ދަރިންނަށް ފުރިހަމަ ތައުލީމެއް ހޯދައިދެވިގެންކަން ބަލައިގަނެ، ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.
ސަރުކާރުން ހިންގާ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުން މަގޫދު އަށް އިޖްތިމާއީ އަދި އިގްތިސާދީގޮތުން ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި އެ ރަށުގެ ފަޅުގެ މަސައްކަތް ސަރުކާރުން ކޮށްދޭނެ ކަމަށާއި އެ ރަށުގައި މިސްކިތެއް ބިނާކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަގޫދުއަށް މިވަޑައިގަތީ، ފ. އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްރަށް އެމަނިކުފާނު މިއަދު މެންދުރު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ނަޝީދު އަތޮޅުތަކަށް މިކުރައްވާ ދަތުރުފުޅުތަކަކީ މި އަހަރުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މައުލޫމާތު ދެއްވުމަށާއި ސަރުކާރުން މިހާރު ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި ކުރިއަށް ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ