ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަތުމަށް ރައީސް ނަޝީދު، ޔާމީނަށް އިލްތިމާސްކުރައްވައިފި

ދައުލަތުގެ މުދަލާއި ފައިސާ އާއި ދައުލަތުގެ ކުންފުނިތަކަށް ބޮޑެތި ހިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަނެ މައުލޫމާތު ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މ. މުލަކު މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނަށް އިލްތިމާސްކުރައްވައިފި އެވެ.
"ޔާމީން ދެން އެހެން ހައްދަވާތީ އަޅުގަނޑު އެހާ ހިތްހަމައެއްނުޖެހޭ. ޔާމީންގެ ކިބައިން އަޅުގަނޑު އެދެނީ އެހެން ނުހައްދަވާށޭ،" އިނގިރޭސި ވިލާތަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ކުރިން ހުޅުލޭ ވީވީއައިޕީގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ހަވީރުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
"ހަމަ ވަޑައިގެން އެ އޮތް އެއްޗެއް އޮތް ގޮތަކަށް ވިދާޅުވީމަ ނިމުނީއޭ. އެކަމަކުން ކޮންމެހެނެއް އެއްކިބާވެވަޑައިގަންނަވާނެ ކަމެއް ނެތޭ. އަޅުގަނޑަށް ޔާމީނަށް އެރުވޭނެ ލަފައަކީ ]ރިޔާސީ ކޮމިޝަނަށް[ ވަޑައިގެން އެ އޮތް އެއްޗެއް އެ އޮތް ގޮތަކަށް ވިދާޅުވެ ދެއްވާށޭ."
ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިނުގަންނަވަނީ، އެކަންކުރައްވަން ގާނޫނީ އެއްވެސް އިމެއް ނެތުމުން ނޫންތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީ ވަރަށް ބޮޑަށް ސާފު ކަމަށެވެ.
"މިސާލަކަށް އެ ވިދާޅުވަނީ އެ ކަމާ ގުޅޭ ގާނޫނެއް ހެދިފައެއް ނެތޭ. ގާނޫނު އަސާސީގައި ވާނެ ގާނޫނެއްގެ ދަށުން ކުރަންޖެހޭ ކަންތައްތައް، ގާނޫނު އަސާސީގައި ބުނެފައި އޮންނާނެ ގާނޫނުގައިވާ ގޮތުގެ މަތިން މިވެނި މިވެނި ކަންތައްތަކެއް ކުރެވޭނެއޭ. އެހެން ނޫނީ ހުންނާނީ އަސާސީ، ފަންޑަމެންޓަލް ހައްގު. ނުވަތަ ޒިންމާތައް. އޭގައި ނޯންނާނެ ގާނޫނުގައިވާ ގޮތުގެ މަތިންނޭ ބުނެފައެއް. އެނގިވަޑައިގަންނަވާތޯ އެއްވެސް ކޯޓެއް ހަދަން ވެސް ގާނޫނެއް ނެތްކަން. ދެން އޭގެ މާނައަކީ ކޯޓެއް ނެތުން ތޯ؟ އަޅުގަނޑަށް އެއްގޮތަކަށް ވެސް ހިއެއް ނުވޭ އެއީކީ ގާނޫނު މާނަކުރާ ގޮތެއް ހެނެއް ވެސް އަދި ގާނޫނީ ގޮތުން ކަންކަމާ ގުޅޭ ގޮތުން ދެކޭހެނެއް ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ ކަންކަމުގައި ކޮންމެ ބޭފުޅަކު ވެސް މާ ބޮޑު ގާނޫނީ ބޭފުޅަކަށްވެ ވަޑައިގަންނަވަނީ ކަމަށާއި، އެކަމަކު ރާއްޖޭގެ ސަގާފަތް މިހާތަނަށް އޮތީ ގާނޫނީ ދައުލަތެއް ހިންގުމުގެ ތެރޭގައި ނޫން ކަމަށެވެ.
"އަދި ގިނަ ބޭފުޅުންނަށް އުޅުއްވުނީ ވެސް އެ ސަގާފަތުގެ ތެރޭގައި. ގާނޫނު އަސާސީ ހެދުމުގައި އުޅުއްވި ބޭފުޅުންކޮޅެއް އެބައުޅުއްވާ. އެ ބޭފުޅުން ވެސް ވަރަށް ބޮޑަށް ދެކެވަޑައިގެން މި ތިއްބަވަނީ އެ ބޭފުޅުންނަކީ ގާނޫނީ މާހިރުން ކަމަށް. އެކަމަކު އަޅުގަނޑަށް ފެންނަނީ ތަންކޮޅެއް ހަމަ ވިސްނުމެއްގައި ކަންކަން ވިސްނަވަން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ޔާމީނަށް އެންގެވި މައްސަލައިގައި ޔާމީން ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަނަށް ގަދަކަމުން މީހުން ހާޒިރުކުރުމަށް ގާނޫނީ އެއްވެސް ހުދޫދެއް ނޯންނާނެ ކަމަށާއި ހާޒިރުވުމާއި ނުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށް އޮންނާނެ ކަމަށެވެ. އަދި ފުލުހުން މެދުވެރިކޮށް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރަން އުޅުނު މައްސަލަ މަދަނީ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ