މާފުށީ ޖަލުގެ މައްސަލަތައް: ދެ ގައިދީއަކު މާރާމާރީ ހިންގައި އެކެއްގެ ބޯ ފަޅާލައިފި

މާފުށީ ޖަލުގައި ރޭ ފަތިހު ދެ ގައިދީއަކު ހިންގި މާރާމާރީއެއްގައި އެކެއްގެ ބޯ ފަޅާލައިފި އެވެ.
ޖަލުން ވާހަކަ ދެއްކި ސިކިއުރިޓީ އޮފިސަރަކު މިއަދު ބުނީ ރޭ ފަތިހު 30: 4 ހާއިރު ޔުނިޓް ދޭއްގެ ގޮޅިއެއްގައި ހިނގި މި މާރާމާރީގައި ގައިދީއެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހުމުގެ ސަބަބުން އޭނާގެ ބޯ ފަޅައިގެން ގޮސް މާފުށީގެ ސިއްހީ މަރުކަޒުން ފަރުވާ ވެސް ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމުން ފަހުން މާލެ ގެނެސްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު މާރާމާރީ ހިންގީ. ފުރަތަމަ އޭނަގެ ނޭފަތްމަތީގައި ޖެހުމުން ހަޅޭއްލަވައިގަތީމަ ދެން ދަގަނޑުބުރިއަކުން ޖަހައި ބޯ ފަޅާލީ. ލޭ ވެސް ހެސް ކިޔާފައި އައި،" ޖަލުން މައުލޫމާތު ދިން ސިކިއުރިޓީ އޮފިސަރު ބުންޏެވެ.
ޑީޕީއާރުއެސްއިން ވެސް ބުނީ ރޭ ފަތިހު ދެ ގައިދީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި ކަމަށާއި އެކަމަކު އޭގެ ތަފުސީލު އަދި ލިބިފައި ނުވާ ކަމަށެވެ. އަދި އަނިޔާވި މީހާ ވެސް މިހާރު ވީ މާލޭގައި ކަމަށް ޑީޕީއާރުއެސްއިން ބުންޏެވެ.
ހަމަލަދިން ގައިދީ މިހާރު ޔުނިޓް އެކަކަށް ބަދަލުކޮށްފައިާ ކަމަށް ޖަލުން ބުންޏެވެ.
ފަހަކަށް އައިސް ޖަލުގެ އެކި ގޮޅިތަކުގައި އާންމުކޮށް މަސްތުވާތަކެތި ބޭނުންކުރުން އާންމުވެ އަދި އެކަމާ ގުޅިގެން ގައިދީންތައް މާރާމާރީތައް ހިންގަމުން ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މަސްތުވާތަކެތި ބޭނުން ނުކުރާ ބައެއް ގައިދީންގެ ހެދުންތައް ނެގުމާއި އެ މީހުންގެ ތަކެއްޗަށް ގެއްލުންދިނުން ވެސް އާންމުވަމުންދާކަން އޭނާ ފާހަގަ ކުރި އެވެ. މި ކަންތައްތަކަކީ މި މަހުގެ ތިންވަނަ ދުވަހު ޖަލަށް ކުރި ޒިޔާރަތަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ކަންތައްތަކެވެ.
"ރޭ ފަތިހު ވެސް ގައިދީންތައް އޮތީ ދޫވެފައި. ޔުނިޓް ނުވައެއް އެއީ މަސައްކަތް ކުރާ ސައިޓެއް. އެތަނަށް ބައެއް ގައިދީން ރޭ ފަތިހު ވަދެ ބައެއް ސާމާނުތައް ގެންގޮސް ގޮޅިތަކަށް ވެއްދި. އޭގެ ތެރޭގައި މަރުތޭލާއި ކީހާއި ކަޓް އޮފް (ވީލް) ފަދަ ތަކެތި ހިމެނޭ. ޖަލުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަނަށް ވެސް ބައެއް ގައިދީން ރޭ ވަދެ ވަރަށް ގިނަ އެއްޗެހި ގޮޅިތަކަށް ވެއްދި،" ސިކިއުރިޓީ އޮފިސަރު ބުންޏެވެ.
އޭނާ އަދި ބުނީ ޖަލުގައި ސިކިއުރިޓީންގެ އެއްވެސް ބާރެއް ފަހަކަށް އައިސް ނޯންނަ ކަމަށާއި އެކަމާ ހެދީ ބައެއް ސިކިއުރިޓީންނަށް ނަފުސާނީ ގޮތުން ވެސް ގެއްލުންވަމުންދާ ކަމަށެވެ.
"ދެ ރެއަކު ހުރިހާ މުވައްޒަފުން ޑިއުޓީ ޕޮއިންޓް ދޫކޮށްލާފައި ވެސް ހިނގައްޖެ. އެ ވެސް ކެތް ނުކުރެވިގެން."
ޑީޕީއާރުއެސް އިން ވާހަކަ ދެއްކެވި އޮފިޝަލް ވެސް މިއަދު ވިދާޅުވީ "ފަހަކަށް އައިސް ގައިދީން އަބަދުވެސް ތިބެނީ ދޫވެފައި" ކަމަށެވެ.
ހޯމް މިނިސްޓްރީން ވެސް މިދިޔަ ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި ޔުނިޓް ދޭއްގައި ކޮންޓްރޯލެއް ނެތެވެ. އެހެން ނަމަވެސް ޖަލުގެ އާންމު ހާލަތު ރަނގަޅު ކަމަށް ޑީޕީއާރުއެސް އިން ބުނެފައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޖަލުގައި މަސްތުވާތަކެތި ބޭނުންކުރުން އާންމުވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އެހެން މީހުންނަށް ދަނީ ގެއްލުން ދެމުންނެވެ. އަދި ރިޕޯޓުގައި ބައެއް ގައިދީންނާ ހަވާލާދީ ބުނެފައިވަނީ މަސްތުވާތަކެތީގެ ބޭނުންކުރާ މީހުން އެހެން ގައިދީންގެ ފުރާނައަށް ނުރައްކާ ފަދަ ކަމެއް ކުރަން ފަހެއް ނުޖެހޭނެ ކަމަށެވެ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ ގައިދީން ދެކެ ގަންނަ ބިރުގެ ސަބަބުން ބައެއް ގައިދީންނަށް ނަފުސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށާއި ނިދަން ވެސް ޖެހިލުންވާ ކަމަށް ބުނެފައިވެ އެވެ.
ހިއުމަން ރައިޓްސްގެ ރިޕޯޓާ ގުޅިގެން ހޯމް މިނިސްޓްރީން ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޖަލުގެ ހާލަތު ރަނގަޅުކުރަން ޑީޕީއާރުއެސްއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި ކަންތައްތައް ކުރިއަށްދާ ގޮތް އެ ކޮމިޝަނަށް އަންގަމުން ގެންދާނެ ކަމަށެވެ. އެކަމަކު ރިޕޯޓް ނެރުމަށް ފަހު މިވީ ހައެއްކަ ދުވަހުގެ ތެރޭގައި ވެސް ޖަލުގެ ހާލަތު ރަނގަޅުވިކަމެއް އެނގޭކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ