މުދާ އެެތެރެކުރާ ފަރާތްތަކުގެ އަތުން ނަގާ "ނާޖާއިޒު ފައިދާ" ހުއްޓުވައިދިނުމަށް ގޮވާލައިފި

ފްރައިޓްް ފޯވާޑިން އޭޖެންޓުންނާއި އަދި ޝިޕިން ލައިންތަކުން، މުދާ އެެތެރެކުރާ ފަރާތްތަކުގެ އަތުން މިހާރު ނަގަމުންދާ "ނާޖާއިޒު ފައިދާ" ހުއްޓުވައި ދިނުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ)ގެ ފަރާތުން ސަރުކާރަށް ގޮވާލައިފި އެވެ. އެމްޓީޔޫ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކި ފްރައިޓްް ފޯވާޑިން އޭޖެންޓުންނާއި އަދި ޝިޕިން ލައިންތަކުން، އެމްޕީއެލް އަށް ދައްކަން ޖެހޭ ކަމަށް ބުނެ، ހިތަށް އެރި އަދަދެއް މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން ނަގަމުންދާ ކަމަށެވެެ. އެހެން ނަމަވެސް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޝިޕިން ލައިންތަކުން ނަގާ ޗާޖާސްތަކަަކީ އެއް މިންވަރަކަށް ނަގަމުންދާ ޗާޖެއް ކަމަށާއި އަދި ލޯކަލް ޗާޖާސްގެ ގޮތުގައި ނެގޭނީ ލޯކަލް ހިދުމަތެއް ފޯރުކޮށްދީގެން ކަަމަށް އެމްޓީޔޫއިން ބުންޏެވެ. އަދި އެކަމުގެ ޝަކުވާތައް ބޮޑުވެގެން އެތައް ފަހަރަކު ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކޮށް އެކަން ހުއްޓުވުމަށް އެދިފައިވާ ކަމަށް އެމްޓީޔޫއިން ބުންޏެވެ. އެމްޓީޔޫ އިން ބުނީ އެ ޗާޖާސްތަކަކީ އެމްޕީއެލްގެ ހިދުމަތެއް ލަސްވެގެން ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިގެން ނަގާ ޗާޖާސްތަކެއް ނޫން ކަން އެނގިފައިވާ ކަމަށެވެ. އެމްޓީޔޫ އިން ބުނީ ރާއްޖޭގެ މުޅި ޝިޕިން ސެކްޓާ ކޮންޓްރޯލް ކުރަމުންދަނީ ސްރީލަންކާގެ ފަރާތްތަކުން ކަމަށާއި އެ ފަރާތްތަކުން ޑެލިވަރީ އޯޑާގެ ނަމުގައި 550 -700 ޑޮލަރު އަދި އެއްވެސް ހިދުމަތެއް ނުޖަހައި 500 ޑޮަލަރު ވެސް ނަގަމުންދާ ކަމަށެވެ. އެމްޓީޔޫ އިން ބުނީ މުދާ އެތެރެކުރާ ވިޔަފާރިތަކުގެ ހައްގުތައް ހިމާޔަތްކުރުމަކީ ދުޅަހެޔޮ އިގްތިސާދަކަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެއްވެސް ހިދުމަތަކާ ނުލައި އެކިއެކި އަގުތައް ނެގުން ހުއްޓުވައި ކުރިން ނަގާފައިވާ ފައިސާތައް އަނބުރާ ހޯދައިދިނުމަށް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ސަން އަށް ވިދާޅުވީ ޝިޕިންގް ލައިންތަކާއި ފްރައިޓް ފޯވާޑިންތަންތަނުން އިތުރު ޗާޖާސްތައް ނަގާ މައްސަލާގައި އެތަންތަނާ ބައްދަލުކޮށް ހަދާފައިވާ ކަމަށެވެ. އަދި އެކަމުގައި އެ ތަންތަނުން ނަގަމުންދާ ޝާޖާޒް ކުޑަކުރުމަށް މަސައްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެމީހުން އެ ޗާޖާސްތައް ނެގިޔަސް ޑީއޯ ޗާޖާސްތައް ރެގިއުލޭޓް ކުރުމުގެ ބާރެއް އަޅުގަނޑުމެންނަކަށް ނޯވޭ. ދެން އަޅުގަނޑުމެންނަށް ކިޔައިދެވޭނީ ފެކްޓްސް. އެ މައްސަލަ ހައްލުކުރެވޭނީ ސަރުކާރުގެ އެކި މުވައްސަސާތަކުން ވަރަށް ބޯޑަށް ގުޅިގެން މަަސައްކަތްކޮށްގެންނޭ އަޅުގަނޑަށް ދެންނެވޭނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ