ނޫސްވެރިންގެ އެވޯޑް ހަފްލާ އަންނަ މަހު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މި އަހަރު 40 ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، މި އަހަރު އެވޯޑް އަންނަ މަހު ބާއްވަން ނިންމާފައިވާކަަމށް އެމްއެމްސީ އިން ބުނެފިއެވެ.
މިއަދު އެމްއެމްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ، މިދިޔަ އަހަރުގެ އެވޯޑްތަކަށް މިއަހަރު 40 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން އުންމީދީ ނޫސްވެރިއާގެ އެވޯޑަށް ފަސް މީޑިއާއަކުން ފަސް ނޫސްވެރިޔަކު ކުރިމަތިލާފައިވާ ކަމަށެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މީޑިއާ ކައުންސިލުން ދޭން ފަށާފައިވާ ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ފަރާތަކުން ކުރިމަތިލާފައި އާޒިފް ވިދާޅުވިއެވެ.
މިއަހަރު ހާއްސަ އިނާމުގެ ގޮތުގައި ރަން ގަލަން، އަލިމަސް ގަލަން، އަދި އަލިމަސް ޝަރަފުގެ ގަލަން ދޭނެއެވެ. މި އިނާމް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.
އެންމެ އުންމީދީ ނޫސްވެރިޔާގެ އިތުރުން ދެން އެވޯޑު ދިނުމަށް ނިންމާފައިވާ އެހެން ދާއިރާތަކަކީ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯގްރަފީ ދާއިރާ، ވީޑިއޯގްރަފީ ދާއިރާ، އަދި ފީޗާ ދާއިރާއެވެ.
ޕްރިންޓް އަދި އޮންލައިން އާއި ބްރޯޑް ކާސްޓިންގ ކެޓަގަރީން ވަކި ވަކިން އެވޯޑް ދިނުމަށް ނިންމާފައިވާއިރު، ޕްރިންޓް އަދި އޮންލައިން ކެޓަގަރީން މި ފަހަރު 33 ހުށަހެޅުމެއް ލިބިފައި ވާއިރު، ބްރޯޑްކާސްޓިން ކެޓަގަރީން ލިބިފައި ވަނީ ހަތް ހުށަހެޅުކެވެ.
މީޑިއާގެ ކައުންސިލް މެމްބަރ އަހުމަދު ޖަދުވާން ވިދާޅުވީ، މީޑިއާ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ނޫސްވެރިކަމުގެ އިނާމަކީ ދެފުށް ފެންނަ، މިނިވަން، އިންސާފުވެރި އެވޯޑަކަށް ހެދުމަށް ކަމަށެވެ.
ނޫސްވެރިކަމުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ދަރުބާރު ގޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ