އިތުރަށް ފައިސާ ނަގާ މައްސަލާގައި ހަރަމައިންގެ ވެރިންގެ ބަޔާން ނަގަނީ

އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުން، މިއަހަރު ހައްޖަށް މީހުން ގެންދިއުމުގައި ސަރުކާރުން ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ނަގަމުންދާކަމަށް ބުނާ މައްސަލައާއި ގުޅިގެން، އެ ޖަމާއަތުގެ ވެރިންގެ ބަޔާން ނަގަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕްގެ މައްސަލަ ބަލަމުންދަނީ އެކަން އިސްލާމިކް މިނިސްޓްރީން ހުށައެޅުމާއި ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ ހަރަމައިން ގުރޫޕުން ހައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނަގަމުންދާކަމަށް ބުނެ އާންމުން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ.
އެ ޖަމާއަތުގެ އޮފީހުގެ ތެރެއަށް ވަދެ، ބަޔަކު އެކަމުގެ ޝަކުވާކުރާ އަޑު އިވޭ ވީޑިއޯއެއް ދާދިފަހުން ބަޔަކު ވަނީ މީޑިއާގައި ހިއްސާކޮށްފައެވެ.
އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުށައަޅާފައިވަނީ 69،965 ރުފިޔާއަށެވެ. ނަމަވެސް އެ ޖަމާއަތުން ގިނަ ބައެއްގެ އަތުން ގެންދަނީ 100،000 ރުފިޔާ ނަގަމުންދާކަމަށް އެ ޖަމާއަތަށް ފައިސާ ދެއްކި މީހުން ގެންދަނީ ބުނަމުންނެވެ.
ފުލުހުން ބުނީ އިސްލާމިކް މިނިސްޓްރީން ހުށައެޅި މައްސަލައާއި ގުޅިގެން ހަރަމައިން ގުރޫޕްގެ ވެރިން އެ މުއައްސަސާއަށް ހާޒިރުކޮށް ބަޔާން ނަގަމުންދާކަމަށެވެ. އަދި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ހުއްދަަދޭ މިންވަރަށްވުރެ އިތުރަށް، ޖަމާއަތްތަކުން ފައިސާ ނަގާކަމުގެ ޝަކުވާއަކީ ކޮންމެ އަހަރަކުވެސް އާންމުން ކުރަމުންގެންދާ ޝަކުވާއެކެވެ. މިމައްސަލަ ބޮޑުވެ، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔަނަމަވެސް މި މައްސަލަތައް އިސްލާމިކް މިނިސްޓްރީއަށް ހައްލުކުރެވިފައެއްނުވެއެވެ.
ގިނަ މާކުސް ހޯދުމުގެ ބޭނުމުގައި ކުޑަ އަގެއް ހުށައަޅައިގެން، ހައްޖަށް ގެންދިއުމުގެ ފުރުސަތު ހޯދުމަށްފަހު ޖަމާއަތްތަކުން ގެންދަނީ އާންމުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންނެވެ. މިގޮތަށް އިތުރަށް ނަގާ ފައިސާ ދެއްކިކަމުގެ ލިޔުމެއް ދިނުމަށްވެސް އެ ޖަމާއަތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.
ބައެއް ޖަމާއަތްތަކުން މިއަހަރުވެސް މިނިސްޓްރީން ހުއްދަދިން އަދަދަށްވުރެ އިތުރަށް 30،000 ރުފިޔާ ނަގަމުންދާއިރު، ބައެއް ޖަމާއަތްތަކުން 10،000 ރުފިޔާއާއި 20،000 ރުފިޔާގެ އަދަދެއްވެސް ދަނީ ނަގަމުންނެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލުމުން 18 ކުންފުންޏަކުން އެކަމަށް ކުރިމަތިލި އެވެ. އެކަމަކު ކުންފުނިތައް އިވެލުއޭޓް ކުރުމަށްފަހު ހުއްދަ ދޫކުރީ ފަސް ކުންފުންޏަކަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން ހިމެނޭގަޮތަށް މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވަނީ 6 ގުރޫޕަކަށެވެ.
ހައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ހައްޖު އެންޑް އުމްރާ ގްރޫޕް،
މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް، އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ