ފުލުހުންގެ މަސްއޫލިއްޔަތުތަކާ ކުރިމަތިލާންޖެހެނީ ގާނޫނުގެ ތެރެއިން: އިމްރާން

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރަން ނިކުންނައިރު ގާނޫނާއި ގަވައިދާއި އަދި އަޚުލާގުވެރި ބައެއްގެ ގޮތުގައި ތިބެ މި މަސްއޫލިއްޔަތުތަކާ ކުރިމަތިލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އެކި ހާދިސާތަކާ ކުރިމަތިލާން ޖެހިގެން ދުނިޔެ ދޫކޮށް ގޮސްފައިވާ ފުލުހުންގެ ޒިކުރާ އާކުރުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންގެ އިސްކަންދަރުކޮށީގައި މިއަދު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންނަށް އެމީހުންގެ ޒިންމާ އަދާކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި ދިމާވާ ގޮންޖެހުންތަކުގައި ގިނަ ފަހަރަށް ކުރިމަތިލާން ޖެހެނީ ގާނޫނާއި ގަވައިދުގެ ބޭރުން އަމަލުކުރާ ބަޔަކާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ފަރާތްތަކާ ކުރިމަތިލާއިރު ވެސް ގާނޫނާއި ގަވައިދު އަދި ރަނގަޅު އަޚުލާގެއްގެ ވެރި ބައެއްގެ ގޮތުގައި ފަސްނުޖެހި ކުރިމަތިލާންޖެހޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުން ކުރާ މިފަދަ ހުރިހާ ކަމެއް ގާނޫނާއި ގަވައިދުގެ ތެރެއިން ކުރާނަމަ މުޖުތަމައުގައި ދިރިއުޅޭ އެންމެންވެސް ބަލައިގަންނަ ފަދަ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތް ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކުރިއަށްދާނަމަަ ފުލުހުންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި މުޅި ގައުމު ބައިވެރިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މުއައްސަސާތަކުގެ ހިދުމަތުގައި މަސައްކަތްކުރަމުންދާއިރު ކުރިމަތިވާ ނުރައްކާތެރި ކަންކަމުގެ ސަބަބުން ދުނިޔެ ދޫކޮށްދާ ފަރާތްތަކުގެ ޒިކުރާ އާކުރުމަށް ފާހަގަކުރާ މިފަދަ ދުވަސްތަކުގައި އެފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމައާއި ގެއްލުން އަބަދުވެސް ހަދާންކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގައި ދެމިތިއްބާ ދުނިޔެ ދޫކޮށް ގޮސްފައިވާ އާއިލާތަކާ އެކުގައި ހުރިހާ ފުލުހުން ދެމިތިބޭނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ