ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި

މަނީ ލޯންޑަރިންގެ ތުހުމަތުގައި ކުރާ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ފަހު މިއަދު އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ޔާމީން އިއްޔެ އެޑްމިޓްކުރީ 24 ގަޑިއިރަށެވެ. އެ ވަގުތު ހަމަވުމުން މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
އެމަނިކުފާންގެ ވަކީލުން ވެސް އަދި ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވެސް ފޯނަށް ޖަވާބު ނުދެއްވާތީ، ޔާމީނަށް ފަރުވާ ދިނީ ކޮންކަމެއްގައި ކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އަންގާރަ ދުވަހު އެވެ.
މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އެ، އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެކަމަކު އެއާޚިލާފަށް އަމަލުކުރައްވައި، ދައުލަތުގެ އިދާރާތަކަށް ވެސް ދޮގު މައުލޫމާތު ދެއްވައި، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގެވި ކަމަށް ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އެއީ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ