ޑީއާރުޕީން އާމިރަށް ދައްކަން ޖެހޭ 19 މިލިއަން ރުފިޔާ ހައިކޯޓުން ހަތަރު މިލިއަން ރުފިޔާއަށް ކުޑަކޮށްފި

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ޑީއާރުޕީއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ދެ ސްޓޫޑިއޯއަކުން ކުރި މަސައްކަތަށް ޑީއާރުޕީން އާމިރަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރި 19 މިލިއަން ރުފިޔާގެ އަދަދު ހައި ކޯޓުން 4 މިލިއަން ރުފިޔާއަށް ކުޑަކޮށްފިއެވެ.
މިއަދު ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ދެފަރާތުގެ ބަސް އަޑުއެހުމަށްފަހުއެވެ. ޑީއާރުޕީ އިން ވަނީ އެޕާޓީއަށް ސިވިލް ކޯޓުގެ ހުކުމުން ފެނުނު މައްސަލަ ބަލައި، ހަތް ނުކުތާއެއް ކޯޓަށް ހުށަހަޅާފައެވެ. މި ނުކުތާތަކުގެ ތެރޭގައި، އާމިރާއި ޑީއާރުޕީއާ ދެމެދު އެއްބަސްވުމެއް އޮތްކަން އާމިރަށް ސާބިތުކޮށްނުދެވޭ ކަމަށް ޑީއާރުޕީން ފާހަގަކޮށްފައިވެއެވެ. ދެވަނަ ނުކުތާއަކަށް، ޑީއާރުޕީ މައުމޫން މީޑިއާ އޮފީހަށް އެޑްރެސްކުރި އިންވޮއިސްތަކަކީ ޑީއާރުޕީއަށް ލިބުނު އިންވޮއިސްތަކެއް ކަމަށް ޑީއާރުޕީން ބަލައިގަންނަކަން އާމިރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އެޕާޓީން ފާހަގަކުރިއެވެ.
ތިންވަނަ ނުކުތާއަކަށް ޑީއާރުޕީން ފާހަގަކޮށްފައިވަނީ ޑީއާރުޕީއަށް އިންވޮއިސްތައް ލިބުނުކަން ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނީ އާމިރު ކަމަށެވެ. ޑީއާރުޕީގެ ފަރާތުން ފާހަގަކޮށްފައިވަނީ މިއީ ދައުވާ އުފުލާ މީހެއްގެ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް އާމިރުގެ ފަރާތުން އިންވޮއިސްތައް ޑީއާރުޕީއަށް ނުލިބޭކަން ޑީއާރުޕީން ސާބިތުކޮށްދޭން ޖެހޭކަމަށް ހުށަހަޅާފައިވާކަމަށް ޑީއާރުޕީން ވަނީ ފާހަގަކޮށްފައެވެ. ހަތަރުވަނަ ނުކުތާއަކަށް ޑީއާރުޕީން ފާހަގަކޮށްފައިވަނީ ޑީއާރުޕީ އޮފީހާއި ޑީއާރުޕީ މައުމޫން މީޑީއާ އޮފީހަކީ ދެތަނެއް ކަމަށް އާމިރު ދެކޭއިރު މި ދެތަނަށް ކުރި އިންވޮއިސްތަކަކީ ޑީއާރުޕީއަށް ކޮށްފައިވާ އިންވޮއިސްތަކެއްކަން ދެކުން ކަމަށް ޑީއާރުޕީން ބުނެއެވެ.
ފަސްވަނަ ކަމަކަށް ޑީއާރުޕީ އިން ފާހަގަކޮށްފައިވަނީ އާމިރު ހުށަހެޅި ކަމަށް ބުނާ އިންވޮއިސްތަކުގެ އީޖާބާއި ގަބޫލު ފުރިހަމަ ނުވާ ކަމަށެވެ. ހަވަނަ ކަމަކަށް ޑީއާރުޕީއިން ހުށަހެޅި ހެކިން ހާޒިރުކޮށް ބަޔާނެއް ނަގާފައި ނުވާކަމަށް ޑާއާރުޕީން ވަނީ ފާހަގަކޮށްފައެވެ. ހަތްވަނަ ނުކުތާއަކަށް ޑީއާރުޕީން ފާހަގަކޮށްފައިވަނީ އާމިރަށް ދައްކަން އެދުނު ފައިސާ ނުދެއްކުމުން ދައްކަންޖެހޭ %3 އިންޓަރެސްޓަށް ފައިސާ ނެގުމަށް ހުކުމްކޮށްފައިވަނީ ނުބައިކޮށް ކަމަށް ބުނެއެވެ.
މިއަދުގެ ހައިކޯޓުގެ އަޑުއެހުމުގައި ކޯޓުން ވަނީ ޑީއާރުޕީއަށް އާމިރު މަސައްކަތް ކޮށްދީފައިވާކަން ދޭހަވާ ކަމަށެވެ. އެހެންކަމުން ހިދުމަތުގެ އަގު ޑީއާރުޕީއިން އާމިރަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް ޖޫރިމަނާ ގޮތުގައި އަރާފައިވާ 15 މިލިއަން ރުފިޔާ ދައްކަން ނުޖެހޭކަމަށް ކޯޓުން ނިންމާފައިވެއެވެ.
ސިވިލް ކޯޓުން 25 އޮކްޓޫބަރ 2015 ގައި ނިންމެވި މައްސަލައިގައި ޑީއާރުޕީ އިން އާމިރަށް -/19،908،176 ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ. ޑީއާރުޕީން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފަށް އެދިފައިވަނީ މި މައްސަލަ ނިންމިތާ އެއް މަސް ދުވަހުގެ މުއްދަތެއްގައި މި ފައިސާ އާމިރަށް ދައްކާ ހަލާސްކުރުމަށް އަމުރުކޮށްފައިވަނިކޮށެވެ. މި ފައިސާއަކީ ކެމްޕެއިން ދުވަސްވަރު އާމިރު ހިންގާ ދެ ސްޓޫޑިއޯއަކުން ޑީއާރުޕީން ހިންގާފައިވާ އެކި ކެމްޕެއިން ހަރަކާތްތައް ވީޑިއޯކޮށް، އެޑިޓްކޮށް ވީޑިއޯ ހަދައިދީ އެކަންކަމާ ގުޅޭ ސާމާނާއި ތަކެތި ފޯރުކޮށްދިންކަމުގެ ހިދުމަތަށް ޑީއާރުޕީން އާމިރަށް ދައްކަން ޖެހޭ ފައިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ