މަރުވެފައި އޮއްވައި މޫދުން ފެނުނު ޒުވާނާގެ ތަހުގީގަށް، ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުން ހޯދަނީ

އައިޖީއެމްއެޗާ ދިމާލުން ބޭރުގައި މަރުވެފައި އޮއްވައި މޫދުން ފެނުނު ޒުވާނާގެ މަރާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަންގަން އަންގައިދޭން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ މީހުންނާއި އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، އެ ހާދިސާއާ ގުޅޭ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއްނަމަ އަންގަން އެދިފައިވަނީ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށެވެ.
އުމުރުން 31 އަހަރުގެ އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މޫދު އަޑިންނެވެ. އަދި އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރީ ކޮންކަހަލަ ޒަހަމްތަކެއް ކަމެއް ކަށަވަރުކޮށެއް ނުދެއްވި އެވެ.
މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ އާއިލާގެ މެމްބަރުންނާ ހަވާލާދީ ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރެމުންދާގޮތުގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ދީފަ އެވެ. އެގޮތުން އޭނާގެ ބައެއް އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ މަރާ ގުޅިގެން ފުލުހުން މިރޭ ބުނީ، މަރުވެފައި އޮއް މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު އޭނާގެ ހަށިގަނޑު އޮތޯ މޯޗަރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ