އެމްއެމްޕީއާރުސީ މައްސަލައިގައި އޭސީސީގެ ކުރީގެ މުއައްޒަފަކަށް ދައުވާ ކޮށްފި

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން މައްސަލައިގައި އެންޓި ކޮރަޕްޝަން (އޭސީސީ) ގެ ކުރީގެ މުވައްޒަފަކަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި މައްސަލައިގައި ދައުވާ ކުރަން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އޭނާގެ މައްޗަށް ކުރަނީ ހަތަރު ދައުވާ އެކެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ އާއި، މަނީ ލޯންޑަރިންގ ކުށުގެ ދެ ދައުވާ އެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ.ފުވައްމުލައް، އަބްދުﷲ އާޒިމްގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިފައިވާ ފައިސާގެ ތެރެއިން ސަތޭކަހާސް އެމެރިކާ ޑޮލަރު އޭނާއަށް ލިބުނު މައްސަލައިގަ އެވެ.
އެ އޮފީހުން ބުނީ 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އާޒިމް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރި ކަމަށާއި، އެއިރު އެ ކޮމިޝަނުން އޭނާ އިސްކޮށްހުރެ ތަހްގީގުކުރަމުންދިޔަ އެމްޕީއެލް އާއި އޭސީސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޒިޔާތު އާއި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙްޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، ފަންސާސް ހާސް އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް ޕްރިއިވެޓް ލިމިޓެޑްގެ އެކައުންޓުން ދޫކުރި ޗެކު އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށެވެ.
އާޒިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިމަހުގެ 06 ވަނަ ދުވަހު އެވެ. އެމައްސަލަ ޕީޖީއަށް ފޮނުވީ ފުލުހުންނާއި ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން މީގެ ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ދައުވާ ކޮށްފަ އެވެ. އަދި މި ތިން ބޭފުޅުންގެ މައްޗަށްވެސް ކުށް ސާބިތުވެ މިހާރު ގެންދަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ