ޖީހާންގެ ފިރިކަލުންގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ ކޮށްފި

ޖޫންމަހުގެ 26 ވަނަ ދުވަހުގެ ރޭ ފަތިހު ހުޅުމާލޭ ކައިރި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދު ފިރިކަލުން އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޖެނުއަރީ 6، 2021 ވަނަ ދުވަހު އެ މައްސަލައިގައި ޝާންއަށް ދައުވާކޮށް މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝާންގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.
ޖިންސީ ގޯނާ ކުރުމުގެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ އަދަބަކަށް އަންނާނީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ ނޫން ގޮތަކަށް ނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށްތަކެވެ. އެ ދެ ކުށުގެ އަދަބަކީ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ތިން މަހެވެ.
ޝާންގެ އިތުރުން މި މައްސަލާގައި އެހެން ދެ މީހަކަށް ދައުވާކޮށްދިނުމަށް ވެސް ފުލުހުން ޕީޖީއަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ބުނީ ދައުވާކުރެވޭ ވަރުގެ ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ