ދަތިވާނެ، އެކަމަކު ކެތްތެރިވުން ނޫން ގޮތެއް ނެތް!

"އެތައް ހަފްތާއެއް ކަނޑުމަތީގައި އުޅުމަށްފަހު، ކަރަންޓީނުވާންޖެހިފައިތިބި ކުދިން އެބަ ތިބި، އާއިލާއާ ބައްދަލުނުވެ މަހަކަށް ވުރެ ގިނަ ދުވަސްވެފައިތިބި ކުދީން އެބަތިބި،" އިއްޔެ ހުޅުމާލޭ ފަޅުތެރޭގައި ސަފާރީތަކުގެ މުވައްޒަފުން ކުރި އިހުތިޖާޖު ފެށުމުގެ ކުރިން، އެތަނުން އެއް ސަފާރީއެއްގެ ކައްޕި އުދާސްތައް ބަންޑުންކޮށްލި އެވެ.
ކޮވިޑް-19 ގެ ބަލާއާފާތާއެކު، މިފަދަ އެތަކެއް ސަތޭކަ މުވައްޒަފުންނެއް ސަފާރީތަކުގެ އިތުރުން ރިސޯޓުތަކުގައި ތާށިވެފައި އެބަ ތިއްބެވެ. އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން މެނުވީ ރަށުން ނޫނީ ބޯޓުން ފޭބޭނެ ގޮތެއް ނެތެވެ. އާއިލާއާ ބައްދަލެއް ނުވެ އެވެ. އަންނަ މަހުވެސް މުސާރަ ލިބޭނެކަމުގެ ޔަގީންކަން ވަނީ ގެއްލިފަ އެވެ. ވަގަށް ފޭބިޔަސް، ހައްޔަރުކޮށް ދައުވާކުރާނެކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
އެފަދަ އިންޒާރުތަކުގެ ތެރޭގައިވެސް ކުދި ޑިންގީތަކެއްގައި ސަފާރީތައް އަޅާފައިވާ ހުޅުމާލެ ޖެޓީ ސަރަހައްދުގައި ތަފާތު ޝުއޫރުތައް ލިޔެފައިތިބި ބޯޑުތައް ހިފައިގެން ސަފާރީތަކުގެ ބައެއް މުވައްޒަފުން އިއްޔެ ހަވީރު ވަނީ މުޒާހަރާކޮށްފަ އެވެ. ފުލުހުން ވެސް އެމީހުން ހައްޔަރުކޮށް ގަދަބާރުން ކަމެއް ނުކުރެ އެވެ. ޑިންގީތައް ކައިރިއަށްގޮސް ނަސޭހަތްދިން މަންޒަރު އިއްޔެ ފެނިގެން ދިޔަ އެވެ.
"އެ ބުނާ 14 ދުވަސް ހަމަވެފައިހުރި ބައިވަރު ސަފާރީތައް އެބަހުރި، އެކަމަކު އެޗްޕީއޭގެ ލިޔުން ނުލިބޭތީ އަދިވެސް ނުފޭބިފަ ތިބެން މިޖެހެނީ،" ކުރިން ވާހަކަ ދެއްކި ކައްޕި ބުންޏެވެ.
މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރި އެވެ. އެ މީހުންވެސް ތަކުރާރުކުރީ ސަރުކާރުން ވެސް ބުނަމުންދާ ވާހަކަ އެވެ. އެ ފިޔަވަޅު އެގޮތަށް އަޅާފައިވަނީ މުޅި މުޖުތަމައުގެ ރައްކާތެރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މީހަކަށް އެ ވައިރަސް ޖެހިފައި ހުއްޓަސް، އެ މީހެއްގެ ފުށުން އިތުރު އެތައް ބަޔަކަށް އެ ވައިރަސް ޖެހި، މުޅި ރާއްޖެއަށް އެ ބަލި ފެތުރިގެން ދިޔުމުގެ ރިސްކު ނެގެންނެތީމަ އެވެ.
އެކަމަކު މަޑުންތިބޭށޭ ބުނެ ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމަކެވެ. އާއިލާއާ މާ ދުރުގައި، ބޯޓެއްގައި ނުވަތަ ރަށު ބަންދުގައި އެތަކެއް ހަފްތާއެއް ހުންނަން މަޖުބޫރުވާ މީހެއްގެ ހާލަތު އެކަން ތަހައްމަލު ކުރަންނުޖެހޭ މީހެއްގެ ވިސްނުމަށް ގެންނަންވެސް އުނދަގޫވާނެ އެވެ. އެއީ އެ ބުނާހާ ފަސޭހަކަމެއްނަމަ، ގޭގައި މަޑުކޮށްލަދޭށޭ ބުނެ ސިއްހީ ބޭފުޅުން ކެނޑެނޭޅި އެ ކުރަމުންދާ އާދޭސް އަޑުއިވިގެން، މާލޭގެ ކާރޫ ބާރު ކުޑަވާނެތާ އެވެ.
އެކަމަކު މީހުން ބޭރު ތެރެއަށް މީހުން ނުކުމެ އުޅުން ކޮންޓްރޯލް ކުރަން ސަރުކާރަށް އެންމެ ފަހުން ތިން ގަޑިއިރުގެ ކާފިއުއެއް ކަނޑައަޅަންވެސް މަޖުބޫރު ވެސް ކުރުވީ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުންވެސް ރިސޯޓު އަދި ސަފާރީތަކުން ނުފޭބިތިބި މުވައްޒަފުންގެ ހާލަތަށް ހަމްދަރުދީވާކަމަށް ވަނީ ބުނެފަ އެވެ. އަދި، އެޗްޕީއޭގެ ލިޔުން އަވަސް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށްވެސް ރޭ ވަނީ ވައުދުވެފަ އެވެ. އެހެނަސް، އެއީވެސް އެހާ ފަސޭހަ ކަމެއް ނޫންކަން އެންމެންވެސް ގަބޫލުކުރަންޖެހެ އެވެ.
މުސީބާތެއްގެ ދަނޑިވަޅެއްގައި، މަދު ވަސީލަތްތަކަކާއެކު ކަމާބެހޭ ބޭފުޅުން ރެއާ ދުވާލު އެ ދަނީ މަސައްކަތް ކުރަމުންނެވެ. ކަރަންޓީނުގައި ބަލަހައްޓަންޖެހޭ މީހުންގެ އަދަދު 850 އަށް ވުރެ މައްޗެވެ. އެޗްޕީއޭގެ ހޮޓްލައިނަށް ކޮންމެ ދުވަހަކު އަންނަ އެތައް ސަތޭކަ ކޯލަކަށް ޖަވާބު ދޭން ޖެހެ އެވެ. ޝައްކުވާ މީހުންނާ ބައްދަލުވި އެތަކެއް މީހުނެއް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދައި، ޓެސްޓު ކުރަންޖެހެ އެވެ. އެއްވެސް ކަމަކީ ވަގުތުން ވަގުތަށް ނިންމޭނެ ކަންކަމެއް ނޫނެވެ. މިކަހަލަ ހައްސާސީ ދަނޑިވަޅެއްގައި ވަކި ތަރުތީބަކަށް އިސްކަންދޭން ވަނީ މަޖުބޫރުވެފަ އެވެ.
މިއީ އެކަކަށްވެސް ފަސޭހަ ވަގުތެއް ނޫނެވެ. ހުރިހާ އެންމެންވެސް ތަހައްމަލު ކުރަމުން މިދަނީ މާޔޫސްކަމާއި ހިތްދަތި ކަމެވެ. އެކަމަކު މިކަމުން އަރައިގަނެވެން އޮތީވެސް އެންމެން އެކީގައި މަސައްކަތްކޮށްގެންކަން ހަނދާނުގައި ބަހައްޓަންޖެހެ އެވެ. ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް ރަނގަޅަށް އަތްދޮވެ، ރައްކާތެރި ވެގެންނެވެ. ކޮންމެހެން ބޭނުންޖެހިގެން ނޫނިއްޔާ އަމިއްލައަށް އެކަހެރިވެ ތިބެގެންނެވެ. ގޭގައި ވިޔަސް، ސަފާރީއެއް އަދި ރިސޯޓެއްގައި ވިޔަސް، ވައިރަސް ފެތުރިގެން ދިޔުން ހުއްޓުވެން އޮތީ މީހުން އެއްވެ އުޅުން މަދުކޮށްގެންނެވެ.
މިއީ ހަގީގަތުގައި ވެސް ވަރަށް ދަތި އަދި އުނދަގޫ ދުވަސްތަކެކެވެ. އެކަމަކު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ވަގުތު އޮތީ ކެތްތެރިކަމާއެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް އިހުތިރާމް ކުރުމެވެ. އެއިން ކޮންމެ ކަމަކީ، ތިމާގެ އިތުރުން އާއިލާ އާއި މުޅި ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށް ގަބޫލު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ