ކޮރޯނާވައިރަސް: ވަޒީފާއާ ބެހޭ 219 ޝަކުވާއެއް ޖޮބް ސެންޓަރަށް ހުށަހަޅައިފި

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގުތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސް، ވަޒީފާތަކަށް އެކަމުގެ އަސަރު ކު/ރަމުންދާއިރު، ވައިރަހާ ގުޅިގެން ރާއްޖޭގައި މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނައިކަމުގެ 219 ޝަކުވާއެއް އިކޮނޮމިކް މިިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓުކޮށްފި އެވެ. ކޮވިޑް-19އާ ގުޅިގެން ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފި ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރިޕޯޓު ކުރަން މި މަހުގެ 21 ވަނަ ދުވަހު އެ މިނިސްޓްރީ އިން ވަނީ އެދިފަ އެވެ. ނޯ ޕޭ ލީވްއަށް ފޮނުވުމާއި މުސާރަ ކުޑަކުރުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ ކަންތައްތައް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރިޕޯޓު ކުރެވެ އެވެ. މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިހާތަނަށް ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްގެން 219 ޝަކުވާޖޮބް ސެންޓަރުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. "މިހާތަނަށް ޖޮބް ސެންޓަރުގައި މިއަދު ހެނދުނު 10:00 ޖެހުމާ ހަމައަށް ރިޕޯޓުކޮށްފައި ހުރީ 219 ކޭސް. އެހެންވީމާ އެ ހުރި ރިޕޯޓު ކުރަން ޖެހޭ ބޭފުޅުން، މައްސަލަތައް ރިޕޯޓު ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" މަބްރޫކު ވިދާޅުވި އެވެ. މިއަދު ލޭބާ ރިލޭޝަންސް އޮތީރިޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ ދޭ ފަރާތްތަކުން މި ދުވަސްވަރު މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި މުސާރަ ދަށްކުރުމާއި ނޯޕޭއަށް ފޮނުވަމުންދާކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެކަން ކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ. ކޮވިޑް-19އާ ގުޅިގެން 58 ރިސޯޓަކުން 11،000އެއްހާ މުވައްޒަފުން ނޯޕޭއަށް ފޮނުވާލާން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް މިއަދު ވަނީ ބުނެފަ އެވެ. ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެނައުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިވާން އެކުލަވާލި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫކުރަންނިންމާފައި ވަނީ ވެސް މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެންނަން އެއްބަސްވާ ކުންފުނިތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ