ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގެ ބަދަލު ހޯދަން ފުލުހުންގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި

ޖޫން މަހު ފުލުހުން އައްޑޫ ލިންކް ރޯޑުގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގައި ބަހައްޓާފައި ހުރި ރޯޑް ބްލޮކެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، އެ ހާދިސާގައި ގެއްލުން ލިބުނު މީހަކު ފުލުހުންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ޖޫން 9 ވަނަ ދުވަހުގެ ރޭ ފުލުހުން ލިންކް ރޯޑުގެ ސަރަހައްދީ ބަނދަރާ ދިމާލުގައި ރޯޑް ބްލޮކް ބަހައްޓައިގެން ޓްރެފިކް ބަލަހައްޓަމުން ދަނިކޮށް، އޭގައި ޖެހިފައި ވެއްޓި އަނިޔާވި ފުވައްމުލަކު ގިނިމާގޭ މުހައްމަދު ވަހީދު ފުލުހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ މި ހާދިސާއަކީ ފުލުހުންގެ އިހުމާލުން ހިނގި ކަމެއް ކަމެއް ބުނެ އެވެ.
އޭނާ ކުރި ދައުވާގައި އިތުރަށް ބުނެފައި ވަނީ އެ ސަރަހައްދުގައި ފުލުހުން ރޯޑް ބްލޮކް ބަހައްޓާފައި ހުރިއިރު، އޭތި ފާހަގަ ކުރެވޭނެ އެއްވެސް ނިޝާނެއް އަދި އަލި ކަމެއް ވެސް ނެތްއިރު އޭރު ޓްރެފިކް ފުލުހުން ތިބީ ވެސް ޖެކެޓް ނުލައި ކަމަށެވެ. އެހެންވެ މިކަމަކީ ފުލުހުންގެ އިހުމާލުން ހިނގި ކަމެއް ބުނެ އެ އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށް ވެސް ވަހީދު ކުރި ދައުވާގައި ވެ އެވެ.
މި ހާދިސާގައި ވަހީދު ސައިކަލުން ވެއްޓި ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުމުގެ އިތުރުން ސައިކަލަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެ އެވެ.
ފުލުހުންގެ މައްޗަށް އޭނާ ކޮށްފައިވާ ދައުވާއާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ފުލުހުން ޝަރީއަތަށް ހުށަހެޅި ތިން ހެކިންނާއި މި ހާދިސާއާ ގުޅޭ ފޮޓޯތަކުން ވެސް އެނގޭ ގޮތުގައި މި ހާދިސާ ހިނގުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި ބަދަލު ވެސް ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ. އަދި މިއީ ބަލަންވާ ވަރަށް ނުބަލައި ދުއްވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަން އެނގޭ ކަމަށް ވެސް ކޯޓުން ބުނެފައި ވެ އެވެ.
ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ފުލުހުން ހުށަހެޅި ތިން ހެކިންނާއި ހާދިސާއާ ގުޅޭ ފޮޓޯތަކުން ވެސް އެނގޭ ގޮތުގައި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި އިރު އެ މީހުން ތިބީ ޓްރެފިކް ކޯޓު ވެސް ލައިގެންކަން އެނގޭ ކަމަށެވެ. އަދި އެ ސަރަހައްދު އަލިކުރުމަށް ވެސް ފުލުހުން ވަސީލަތްތައް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ހުކުމުގައި ވެ އެވެ.
ލިންކް ރޯޑުގައި ހިނގި ހާދިސާއަކާ ގުޅިގެން ފުލުހުންގެ މައްޗަށް މިހާތަނަށް މީހަކު ކުރި މިފަދަ ފުރަތަމަ ދައުވާ ސާބިތު ނުވިއިރު ޖޫން 6 ވަނަ ދުވަހުގެ ރޭ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހެއްގެ އާއިލާ އިން ވަނީ ސަދަން ޔުޓިލިޓީޒް (އެސްޔޫއެލް) ގެ މައްޗަށް ވެސް ދައުވާކުރަން ނިންމައިފަ އެވެ.
އެސްޔޫއެލްގެ މައްޗަށް ދައުވާކުރަން ނިންމީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ކުންފުނިން މަގުގެ ހުރަހަށް ކޮނެ ވެލި އަޅާފައި ހުރިއިރު އެކަން ފާހަގަކުރެވޭނެ ގޮތެއް ހަދާފައި ނެތް ކަމަށް ބުނެ އެވެ.
މި ހާދިސާގައި އަނިޔާވެ ކޯމާއެއްގައި އޮތް ސ. ހިތަދޫ ގޮލްފް ހުސައިން މުހުސިނަށް ލިބުނު ގެއްލުމުގެ ޒިންމާ އެސްޔޫއެލް އިން ނަގަން ޖެހޭނެ ކަމަށް ބުނެ އޭނާ އަށް އެހީވުމަށް ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ