ސަރުކާރަށް އުނދަގޫކުރަން ބޭނުންނުވާ ކަމަށް ބުނެ ހުޅުމާލޭ ވަގުތީ ހިޔާތަކުން ދެ އާއިލާ ނުކުމެއްޖެ

"އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ސަބަބުން މި ތަނުގެ ތަރައްގީ އަށް ހުރަސްއެޅޭކަށް. އަދި ސަރުކާރަށް އުނދަގޫކުރާކަށް ވެސް ބޭނުމެއް ނުވޭ،" ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން، ހުޅުމާލޭގެ ވަގުތީ ހިޔަލުގައި ދިރިއުޅެމުން އައި ހަތަރު އާއިލާގެ ތެރެއިން ރ. ކަނދޮޅުދޫ އާއިލާއަކަށް ނިސްބަތްވާ އެ ރަށު ނޫވިލާ ނާސިރާ އީސާ ބުންޏެވެ. "އެހެންވެ މިތަން (ވަގުތީހިޔާ) ދޫކޮށްލުމަށް ނިންމީ."
ނާސިރާގެ އާއިލާ އާއި ވަގުތީ ހިޔަލުގައި އުޅޭ މަޑިފުށީ އާއިލާ އިން މިހާރު ވަނީ ފަސް އަހަރަށް ފަހު ވަގުތީ ހިޔާދޫކޮށް، ހުޅުމާލޭން ފްލެޓެއް ކުއްޔަށް ހިފައިގެން އެ ތަނަށް ބަދަލުވެފަ އެވެ. އެހެންކަމުން މިހާރު ވަގުތީ ހިޔަލުގައި ދިރިއުޅެމުން އަންނަނީ، ރ. ކަނދޮޅުދޫގެ ދެ އާއިލާއެކެވެ.
ނާސިރާ ބުނި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން، ވަގުތީ ހިޔަލުގައި އުޅެންޖެހުނީ ލިބެންޖެހޭ ހައްގުތަކަކުން މަހުރޫމްވާތީ އެވެ. ނަމަވެސް އެ ތަނުގައި ގިނަ ދުވަހު މަޑުކޮށްފި ނަމަ އެހެން ބައެއްގެ ހައްގުތައް ވެސް ގެއްލި، ތަނުގެ ތަރައްގީ އަށް ހުރަސްއެޅޭނެތީ ވަގުތީ ހިޔާ ދޫކޮށްލަން ނިންމީ ކަމަށް އޭނާ ބުންޏެވެ. މީގެ ދެ ހަފުތާ ކުރިން ނާސިރާގެ އާއިލާ އެ ތަނުން ނުކުތް ނަމަވެސް މަޑިފުށީ އާއިލާ ވަގުތީ ހިޔާ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލު ވިދާޅުވެފައިވާ ގޮތުގައި އެޗްޑީސީގެ މާސްޓާ ޕްލޭންގެ ދަށުން ފުލުހުންނަށް ދޫކޮށްފައިވާ ބިމުގައި ގިނަ ދުވަސްތަކެއް ވަންދެން ބަޔަކު ދިރިއުޅެމުން އަންނާތީ އެ ސަރަހައްދުގެ ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފަ އެވެ. އަދި ފުލުހުންނަށް އެ ބިން ބޭނުންނުކުރެވި ވަނީ ވެސް އެތަނުގައި މީހުން އުޅޭތީ ކަމަށް ސުހައިލް ވިދާޅުވި އެވެ.
ސުނާމީގައި ގެދޮރު ގެއްލިގެން ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރެއިން އެ ހަތަރު އާއިލާ ނޫން އެހެން އެންމެން މިހާރު ވަނީ ރަށްރަށުގައި ހެދި ދާއިމީ ހިޔާތަކަށް ބަދަލުވެފަ އެވެ. އެތަން ހުސްކުރުމަށް އެކި މުއްދަތު އެޗްޑީސީން ވަނީ އެ މީހުންނަށް ދީފަ އެވެ.
ފަސް އަހަރަށް ފަހު ވަގުތީ ހިޔާ ދޫކޮށް، އެހެން ތަނަކަށް ބަދަލުވި ނާސިރާ ބުނީ ދުވާފަރުން އެ މީހުންނަށް ދެ ގެ ލިބޭނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، އެ ގެތަކާ ހަވާލުވާން ދިޔުމުން ލިބުނީ އެންމެ ގެއެއް ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ މައްސަލަ އަކީ. އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހައްގެއް ނުލިބުން،" ނާސިރާ ބުންޏެވެ. "ނަމަވެސް އެ ކަންތައް މިހާ ދުވަސްވީ އިރު ވެސް ހައްލުނުވުމުން ބަޔަކަށް އުނދަގޫނުކުރަން ވެގެން މިތަނުން ނިކުންނަން ނިންމީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ